ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރުން މަގުފަހިވީ އިދާރާތައް އިހުމާލުވުމުން: ރައީސް

ގއ. ކަނޑުހުޅޫދޫގައި އުމުރުން ދެއަހަރުގެ ކުޑަ ކުއްޖާ ރޭޕްކުރި މައްސަލައިގަ ދައުލަތުގެ ބައެއް އިދާރާތަކުން އިހުމާލުވެފައިވާކަމަސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވަވާ ދެއްވާ ރައީސް ސޯލިހު ވިދާޅުވީ، ދެއަހަރުގެ ކުޑަ ކުއްޖާ ޖިންސީ ގޯނާކުރުމުގެމައްސަލައިގަ، އެކަމަށް މަގުފަހިކުރި އެންމެ ބޮޑު ސަބަބަކީ ތުހުމަތުކުރެވޭ ބައެއް މީހުންނާ އަދުލު އިންސާފު އަރައި ހަމަނުކުރުން ކަމަށެވެ. އަދި މިކަމުގައި ދައުލަތުގެ ބައެއް އިދާރާތަކުން އިހުމާލެވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

" ޢުމުރުން އެންމެ ދެ އަހަރުނުވާ މަޢުޞޫމް ތުއްތު އަންހެން ކުއްޖަކަށް، އެކުއްޖާއަށް އެންމެ އިތުބާރު ކުރެވޭ މަޤާމުގައި ތިބި ބަޔަކު، ލާއިންސާނީ ގޮތެއްގައި ޖިންސީ ގޯނާކުރުމުގެމައްސަލައިގަ، އެކަމަށް މަގުފަހިކުރި އެންމެ ބޮޑު ސަބަބަކީ، ތުހުމަތުކުރެވޭ ބައެއް މީހުންނާ، ޢަދުލު އިންޞާފު އަރައި ހަމަނުކުރުން. އަދި ދައުލަތުގެ ބައެއް އިދާރާތަކުން އިހުމާލުވުން." ރައީސް ވިދާޅުވިއެވެ.

އެކުއްޖާގެ މައްސަލައިގައި ޖެންޑާ މިނިސްޓްރީ އާއި ފުލުހުންގެ އިހުމާލު އޮތްކަމަށް ބުނެ ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. ކުޑަކުއްޖާގެ މުނިކާފަގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް މިހާރުވެސް ކޯޓުގައި އޮތް އިރު، އޭނާ މިނިވަންކޮށްފައި ހުރުމުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ. އަދި އެފަދަ މީހަކު ދިރިއުޅޭ މާހައުލެއްގައި ކުޑަ ކުއްޖަކު ހުރިކަން ޖެންޑާ މިނިސްޓްރީއަށް ނޭނގޭތީ ވެސް ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

މުނިކާފަގެ މައްސަލައެއް ކޯޓުގައި އޮތްކަން ޖެންޑާ މިނިސްޓްރީއަށް އެނގިފައި ނުވާއިރު، ފުލުހުން ބުނީ އޭނާ ދޫކޮށްލާފައި ހުރީ އުމުރަށް ބަލާފައި ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *