ގާޒީ ބާރީ ވަކިކުރަން ކޮމެޓީ އިން ފާސްކޮށްފި

ގާޒީ ބާރީ: ފޮޓޯ / އަވަސް

ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަދި މިހާރު ޖުވެނިއަލް ކޯޓުގެ ގާޒީ ކަމުގައި ހުންނެވި އަބްދުލްބާރީ ޔޫސުފު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލައާމެދު ގޮތް ނިންމުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލާގައި ގާޒީ ބާރީ މަގާމުން ވަކި ކުރަން ފެންނަ ކަމަށް ޖުޑީޝަރީ ކޮމެޓީ އިން ވެސް ފާސްކޮށްފިއެވެ.

ކޮމެޓީ އިން އެގޮތަށް ފާސްކުރީ މިއަދުއެވެ. ގާޒީ ބާރީ މަގާމުން ވަކި ކުރަން ފެންނަ ކަމަށް ފާސްކުރީ ކޮމެޓީ އަށް ހާޒިރުވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ޖޭއެސްސީ އިން ބުނީ ގާޒީ ބާރީ އާއި ގުޅޭގޮތުން އެ ކޮމިޝަނުން ބަލާފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާއިން ގާޒީ ބާރީ މާލީ މަންފާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލައާއި، 2014ވަނަ އަހަރުގެ މެއި މަހުން ފެށިގެން 2018ވަނަ އަހަރުގެ ފެބްރުއަރީ މަހާއި ހަމައަށް ގާޒީ ބާރީ އަމަލީގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވިކަމާއި، އެ މުއްދަތުގައި ޖޭއެސްސީ އަށް ހުށަހަޅާފައިވާ އެސެޓް ޑިކްލަރޭޝަން ފޯމުތަކުގައި، އެ ވިޔަފާރިން ލިބުނު އާމްދަނީ ހާމަކޮށްފައިނުވާ ކަމަށް ބުނެ ތަހުގީގު ކޮށްފައިވާ މައްސަލައެއް ކަމަށެވެ.

އެގޮތުން އެ މައްސަލަތަކުގެ ތަހުގީގުގެ ތެރެއިން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އާއި ގާޒީ ބާރީ ގާތް ގުޅުމެއް އޮތްކަމާއި، ކްރިމިނަލް ކޯޓުގައި ހިނގި ބޮޑެތި ޝަރީއަތްތަކާ ގުޅިގެން އަދީބުގެ ކާރު ޕާކްކުރާ ގަރާޖުގައި އިތުރު ފަނޑިޔާރުންތަކަކާއެކު އަދީބާއެކު ބޭއްވި ބައްދަލުވުންތަކެއްގައި ގާޒީ ބާރީ ބައިވެރިވިކަން ފާހަގަކުރެވިފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

އަދި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލުނު ޓެރަރިޒަމް ކުށުގެ ދައުވާގައި، ރައީސް ނަޝީދުގެ މައްޗަށް ހުކުމްކުރުމުގެ ކުރިން އެ މައްސަލައިގެ ހުކުމުގެ ކޮޕީއެއް އަދީބަށް ފޮނުވުމަށް ގާޒީ ބާރީ އެ ހުކުމް ދިންކަންވެސް ފާހަގަކުރެވިފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

މީގެއިތުރުން ޝަރީއަތްތައް އެއިރު ސަރުކާރުން ބޭނުންވިގޮތަށް ނިންމާދިން ފަނޑިޔާރުންނަށް އިނާޔަތްތައް ދިންއިރު، ގާޒީ ބާރީ އަށް ފްލެޓެއް ބޭނުންވުމުން، އޭނާގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް ހަމަޖައްސައިދިނުމަށް ނިންމިކަން އެނގެން އޮތްކަމާއި، ހަމަ އެ ދުވަސްވަރު އަދީބުގެ ފަރާތުން 500,000.00 (ފަސް ލައްކަ) ދިވެހި ރުފިޔާ ބާރީ އަށް ދީފައިވާކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.

އަދި ބާރީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފްލެޓް ގަތުމަށް އެޑްވާންސަށް 600،000.00 (ހަ ލައްކަ ރުފިޔާ) ނަގުދު ފައިސާއިން އޭނާ ދައްކާފައިވާއިރު، އެފައިސާއަކީ ބާރީ ނާޖާއިޒު ގޮތުގައި ހޯދައިފައިވާ ފައިސާ ކަމުގައި ކޮމިޝަނުން ކުރި ތަހުގީގަށް ފާހަގަވާ ކަމަށްވެސް ޖޭއެސްސީ އިން ބުނެފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.