މަލީހުގެ އިތުބާރު ނެތްކަމަށް އެމްޑީޕީ ޕީޖީ އިން ފާސްކޮށްފި

ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު: ފޮޓޯ / މިހާރު

ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ފާސްކޮށްފިއެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގައި މިއަދު ނެގި ވޯޓުގައި ނިންމީ މަލީހުގެ އިތުބާރު ނެތް ކަމުގެ ވާހަކަ ރައީސް ސޯލިހު އަރިހުގައި ދަންނަވާށެވެ. އެގޮތަށް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުން ވޯޓު ދެއްވިއެވެ.

މަލީހުގެ މައްޗަށް އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ ޓެލެކޮމިއުނިކޭޝަން ގާނޫނުން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އިދާރާތަކަށް ކުރުމަށް ލާޒިމުކުރާ ކަންތައްތަކަށް ރިއާޔަތްކޮށް ބަލާއިރު، އެ ގާނޫނުގެ ދަށުން ކޮމިއުނިކޭޝަންސް އޮތޯރިޓީން ހަދަންޖެހޭ އެއްވެސް ގަވާއިދެއް މަގާމުގައި ހުންނަވާތާ ދެ އަހަރުވީއިރު ވެސް މިނިސްޓަރު މަލީހު ހަދާފައި ނުވާ ކަމަށެވެ.

އަދި އެ ގާނޫނުން ހެދުމަށް ލާޒިމުކުރާ ގަވާއިދުތަކަކީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވާއިދުތަކަކަށް ވެފައި، އެ ގަވާއިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެތަކެއް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމަށް އައްޔަން ކުރެއްވި މަލީހު މަގާމުން ވަކި ކުރައްވައިފި ނަމަ ނުވަތަ އިތުބާރު ނެތްކަމަށް ފާސްކުރުމުގެ ކުރިން މަގާމުން އިސްތިއުފާ ދެއްވައިފި ނަމަ މަލީހު ވެގެން ދާނީ ޖޭޕީގެ ސްލޮޓެއްގައި ވަޒީރު ކަމަށް އައްޔަން ކުރެއްވި ބޭފުޅުންގެ ތެރެއިން މަގާމުން ވަކިވެގެން ދިޔަ ޖޭޕީގެ ތިންވަނަ ވަޒީރަށެވެ.

Leave a Reply

Your email address will not be published. Required fields are marked *