މެލޭޝިޔާ އިން ރާއްޖެ އަންނަން ބޭނުންވާ ދިވެހިންނަށް އިނަ މޯލްޑިވްސްގެ ހާއްސަ ފްލައިޓެއް

މެލޭޝިޔާ އަށް އިނަމޯލްޑިވްސް އިން ޗާޓާޑް ކޮށްފައިވާ މެލިންޑޯ އެއާލައިންގެ ފްލައިޓެއް ---

ކޮވިޑް19 ގެ ހާލަތާ ގުޅިގެން މެލޭޝިޔާ އަށް އަނބުރާ ނުދެފައި ތިބި ދިވެހިންނަށާއި އަދި އެގައުމުގައި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކަށް އިނަ މޯލްޑިވްސް އިން ހާއްސަ ފްލައިޓެއް ބާއްވަން ނިންމައިފިއެވެ.

މެލޭޝިޔާގައި ގިނަ އަދަދެއްގެ ދިވެހިން އުޅޭއިރު ކޮވިޑާއި ގުޅިގެން އެގައުމުގައި ތިބި ދިވެހިންނަށް ރާއްޖެ އާދެވޭނެ ގޮތް ވަނީ ނުވެފައެވެ. އަދި އެނބުރި ރާއްޖެ އައިސްފައިވާ މީހުންނަށް އެގައުމަށް އަނބުރާ ނުދެވި ތާށިވެފައި އެބަހުއްޓެވެ.

އިނަ މޯލްޑިވްސް އިން އަންނަނީ މެލޭޝިޔާގައި ތިބި ދިވެހިން އެނބުރި ރާއްޖެ ގެނައުމަށާއި އަދި ރާއްޖެއިން އެގައުމަށް އަނބުރާ ދާން ބޭނުންވާ ދިވެހިންނާއް ހާއްސަ ފްލައިޓުތަކެއް ބާއްވަމުންނެވެ. އިނަ މޯލްޑިވްސް މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު "ހަތާވީސް" އަށް މިރޭ ވިދާޅުވީ މިއީ މިގޮތަށް އެ ކުންފުނިން ބާއްވާ ތިންވަނަ ފްލައިޓު ކަމަށެވެ. މި ފްލައިޓު އޮންނާނީ މިމަހުގެ 29ވަނަ ދުވަހުއެވެ. މެލޭޝިޔާ އަށް ދަތުރުކުރާނީ މެލިންޑޯ އެއާލައިން އިން ކަމަށްވެސް ފިރާގު ވިދާޅުވިއެވެ.

ކޮވިޑުގެ ހާލަތާއި ގުޅިގެން މެލޭޝިޔާ އަށް އެތެރެނުވެވި ގިނަ ގައުމުތަކެއްގެ ދަރިވަރުންތަކެއް މިހާރުވެސް ތިބި ކަމަށް އެ ގައުމުގެ އެޑިއުކޭޝަން މެލޭޝިޔާ ގްލޯބަލް ސާވިސް އިން މީގެކުރިން ބުނެފައިވެއެވެ. އަދި ކޮވިޑާއި ގުޅިގެން މިހާރުވެސް މެލޭޝިޔާގެ ބޯޑަރު ވަނީ ބަންދުކޮށްފައެވެ. ނަމަވެސް މިފަދައިން ޗާޓާޑް ކޮށްގެން ދާ ފްލައިޓުތަކަށް ދަތުރު ކުރެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *