ސާބިތު ނުހިފޭ ވާހަކަ ނުދެއްކުމަށް އީސީ ޝަރީފް ގޮވާލައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް: ފޮޓޯ / ހަތާވީސް

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އަގު ވައްޓާލަން ސާބިތު ނުހިފޭ ވާހަކަ ނުދައްކަން އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ގޮވާލައްވައިފިއެވެ.

ޝަރީފް މިފަދައިން ގޮވާލާފައި މިވަނީ އެ ކޮމިޝަނުގެ ނާއިބު ރައީސްކަމުގެ މަގާމުގައި ހުންނެވި އަހުމަދު އަކްރަމް އީސީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައެއް މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީ އިން އަކްރަމް ވަކި ކުރުމަށް އެ ކޮމެޓީ އިން ނިންމުމާއި ގުޅިގެންނެވެ.

އަކްރަމް ވަކި ކުރުމަށް މަޖިލީހުގެ ކޮމެޓީ އިން ނިންމުމާއި ގުޅިގެން އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެކަމާއި ގުޅިގެން ތަފާތު އެކި ވާހަކަތައް ދެކެވެމުން އަންނައިރު، ޝަރީފް އަންނަނީ އިލެކްޝަނާއި ގުޅިގެން ދެކެވެމުން އަންނަ ވާހަކަތައް ދޮގު ކުރައްވަމުންނެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވަނީ އެކޮމިޝަނުގެ ބަހެއް ނެތި އެ ކޮމިޝަނުގެ އަގުވައްޓާލަން ސާބިތު ނުހިފޭ ވާހަކަ ނުދެއްކުމަށް ގޮވާލައިފައެވެ. ޝަރީފް މިފަދައިން ވިދާޅުވިއިރު މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ މެންބަރުންނާއި ހަވާލާދީ އީސީގެ މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރުމަކީ އެތަނުގައި އަށަގެންފައިވާ ސަގާފަތެއް ކަމަށް ބައެއް މީޑިއާތަކުގައި އަންނަނީ ރިޕޯޓު ކުރަމުންނެވެ.

މަގާމުން އިސްތިއުފާ ދެއްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ މިނިވަން މުއައްސަސާތަކާއި ބެހޭ މަޖިލީހުގެ ކޮމެޓީގެ އިތުބާރު ނެތި މިނިވަން މުއައްސަސާއެއްގެ މެންބަރުކަމުގައި ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ އަކީ ބައެއްގެ ރޭވުމެއްގެ ދަށުން ހަގީގަތާއި ހިލާފަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ އެފަދަ އެއްވެސް ކަމެއް އޭނާގެ ފަރާތުން ހިނގާފައި ނުވާކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި އެކަން ހިނގައިދިޔަ ގޮތް ހެއްކާއެކު ތަފްސީލީ ގޮތެއްގައި މަޖިލީހުގެ ކޮމެޓީ އަށް ހިއްސާކޮށްފައިވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *