8މަސް ފަހުން ސަލްޓަންޕާކު އާއްމުންނަށް ހުޅުވާލައިފި

ސަލްޓަންޕާކު އަލުން ހުޅުވާލުން: ފޮޓޯ / މާލެ ސިޓީ ކައުންސިލް

ކޮވިޑް19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން ގިނައިން މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި އެފަދަ ތަންތަން ބަންދު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގު އެންގުމާއި އެއްގޮތަށް ސަލްޓަންޕާކު ބަންދު ކޮށްފައި ބެހެއްޓުމަށްފަހު އަލުން އެތަން ހުޅުވާލައިފިއެވެ.

އަލުން ސަލްޓަންޕާކު ހުޅުވާލާފައި މިވަނީ 8މަސް ދުވަސް ފަހުންނެވެ. އެޕާކު އަލުން ހުޅުވާލީ ރޭ ފަތިހު 4:30 އިން ފެށިގެންނެވެ. ސަލްޓަންޕާކު އަލުން ހުޅުވާލާފައި މިވަނީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށެވެ.

އެގޮތުން ސަލްޓަންޕާކަށް ވަންނަ މީހުންގެ ހުން ބެލުމާއި އަތް ދޮވެވޭނެ އިންތިޒާމާއި ސެނަޓައިޒް ކުރެވޭނެ އިންތިޒާމުތައް އެތަނުގައި މިހާރު ވަނީ ހަމަޖައްސައިފައެވެ.

ސަލްޓަންޕާކު ކޮންމެ ދުވަހެއްގެ ފަތިހު 4:30 އިން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އަށް ހުޅުވާފައި ހުންނާނެއެވެ. އަދި ހަވީރު 16:30 އިން ފެށިގެން ރޭގަނޑު 21:30 އަށް ހުޅުވާލާފައި ހުންނާނެއެވެ.

ސަލްޓަންޕާކު އަލުން ހުޅުވާލިއިރު އެތަން ވަނީ ކޮންމެވެސް ވަރަކަށް މަރާމާތު ވެސް ކޮށްފައެވެ. އަދި ހަލާކުވެފައި ހުރި ގަސްތައް ނެގުމަށްފަހު އަލުން އެތަނުގައި އައު ގަސްތަކެއް ވަނީ ޖަހައިފައެވެ.

މިވަގުތު ސަލްޓަންޕާކު ހުޅުވާލާފައި ވަނީ އުމުރުން ދުވަސްވީ ފަރާތްތަކަށެވެ. ޕާކުތަކަށް ކުޑަކުދިން ގެންދިއުމާއި ގުޅޭ ގޮތުން އެޗްޕީއޭ އިން އަދި ވަކި ގޮތެއް އަންގާފައި ނުވާތީ އެ އިދާރާއިން ވަކި ގޮތެއް އެންގުމުން ކުޑަކުދިންނަށް ދެވޭނެ ފުރުސަތު ދޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *