އަލީ ވަހީދުގެ މައްޗަށް 6 ދައުވާއެއް އުފުލައިފި

Ali waheed

ފުލުހަށް ބަޔާން ދެއްވުމަށްފަހު، ޝަހީދު ހުސައިން އާދަމް ބިލްޑިންއިން އަލީ ވަހީދު ނުކުމެވަޑައިގަންނަވަނީ-- ފޮޓޯ/ ހަތާވީސް

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލާގައި މަގާމުން ވަކިކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް 6 ދައުވާއެއް އުފުލައިފިއެވެ.

އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރުމަށްފަހު ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް އޮފީހުން ބުންޏެވެ. އެގޮތުން އަލީ ވަހީދުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ޖިންސީ ކުށުގެ ގާނޫނުގެ ދަށުންނާއި ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. ޖިންސީ ކުށުގެ ގާނޫނުގެ ދަށުން އަލީ ވަހީދުގެ މައްޗަށް ހަތަރު ދައުވާ އެއް އުފުލާފައިވެއެވެ. އަދި ގާނޫނުލްއުގޫބާތުގެ ދަށުން ދެ ދައުވާ އެއް އަލީ ވަހީދުގެ މައްޗަށް ޕީޖީ އިން ވަނީ އުފުލައިފައެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ އާއި ރޭޕް ކުރަން އުޅުނު ކަމުގެ ދައުވާގެ އިތުރުން ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ ހިމެނެއެވެ.

ޖިންސީ ގޯނާގެ މައްސަލާގައި އަލީ ވަހީދުގެ ބަޔާން ފުލުހުން ނެގިއެވެ. އަލީ ވަހީދު ފުލުހުންގެ އިދާރާ އަށް ހާޒިރު ކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ 19ވަނަ ދުވަހުއެވެ.

އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފުލުސް އޮފީހަށް ވަޑައިގެން ބަޔާން ދެއްވުމަށްފަހު، އަލީ ވަހީދު ވިދާޅުވީ އިންސާފުވެރިކަމާއެކު މައްސަލަ ތަހުގީގުކޮށްފިނަމަ އޭނާގެ ކުށެއް ނެތްކަން ސާބިތުވެގެންދާނެ ކަމަށެވެ.

އަލީ ވަހީދަށް ފުލުހުން ކުރި ތުހުމަތުތަކަކީ ކޮބައިތޯ ނޫސްވެރިން ސުވާލު ކުރުމުން އޭނާ ޖަވާބެއް ނުދެއްވައެވެ. ވިދާޅުވީ އެ ތުހުމަތުތައް ވިދާޅުވާނީ ފުލުހުން ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އޭނާއަށް ކުރި ސުވާލުތަކަށް ޖަވާބުދީފައިވާނެ ކަމަށާއި ހަނު ހުރެފައިނުވާނެ ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

މިނިސްޓަރުކަމުން އޭނާ ވަކިކުރެއްވުމަށް ރައީސް ސޯލިހު ނިންމެވި ނިންމެވުމަށް އިހްތިރާމު ކުރައްވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އޭނާއަށް ކުރާ ތުހުމަތުތައް ސާފުވެގެންދިއުމަކީ އުންމީދު ކުރާ ގޮތް ކަމަށާއި އިންސާފު ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *