ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލުކުރަން ފަށައިފި

ކުޑަ ކުދިންތަކެއް --

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި ކުޑަކުދިންގެ އަދުލުގެ ގާނޫނަށް މިއަދު އަމަލު ކުރަން ފަށައިފިއެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނަކީ ގާނޫނާ ހިލާފުވާ ކުޑަކުދިންގެ މައްސަލަތައް، އެކުދިން ކުށްކުރުމާ ދުރުކުރުމަށް ބާރުއަޅައިދޭ، އެކުދިންނާ ރަހުމަތްތެރި މާހައުލެއްގައި ހިންގޭނެ އުސޫލަކުން އަދި އެކުދިންނަށް ބޭނުންވާ ރީހެބިލިޓޭޓިވް ފަރުވާ ލިބިދީ، އެކުދިން ހެޔޮގޮތުގައި އަނބުރާ މުޖުތަމައު އަށް އައިސް، މުޖުތަމައުގައި ބިނާކުރަނިވި ދައުރެއް އަދާކުރުމަށް މަގުފަހިކޮށްދެވޭނެ ގޮތަށް ބައްޓަންކުރެވިފައިވާ ގާނޫނެކެވެ.

މިގާނޫނަކީ ކުޑަކުދިންނަށް ހާއްސަ ކުރެވިގެންވާ ނިޒާމެއް މެދުވެރިކޮށް ކަންކަން ނިންމުމަށްޓަކައި، ކުޑަކުދިންގެ އަދުލުގެ ނިޒާމެއް ގާއިމުކުރުމަށް އެކަށައަޅަންޖެހޭ އުސޫލުތައް ވެސް ބަޔާންކުރެވިފައިވާ ގާނޫނެކެވެ.

މި ގާނޫނުގައި، ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ، އުމުރުން 15 އަހަރު ކަމުގައި ކަނޑައެޅުމާއި ދާހިލީ ކަންކަމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ މިނިސްޓްރީގެ ދަށުން ހިނގަމުންދާނެ ސަރުކާރުގެ އިދާރާއެއް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ނަމުގައި އުފައްދައި، އެ ޑިޕާޓްމަންޓުގެ މަސްއޫލިއްޔަތުތައް ކަނޑައަޅާފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.