މާމަގެ ފައްޓަރު ބަޔަށްވުރެ އެކުވެރިކަން މުހިއްމު: ޗައިނާ ސަފީރު

ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރައީސް ސޯލިހު އާއި ސަލާމް ކުރައްވަނީ: ފޮޓޯ / ރައީސް އޮފީސް

މާމަގެ ފައްޓަރު ބަޔަކީ ވެސް އަގު ހުރި އެއްޗެއް ކަމަށާއި އެހެންނަމަވެސް އެކުވެރިކަމަކީ އެއަށްވުރެ އަގުހުރި އަދި މުހިއްމު އެއްޗެއް ކަމަށް ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް ވިދާޅުވެއްޖެއެވެ.

ސަފީރު މިފަދައިން ވިދާޅުވީ މާމަމެންގެ ފައްޓަރުބައި ވިއްކާލައިގެންވެސް ރާއްޖޭގެ ދަރަނި އަދާނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. ރައީސް ނަޝީދު ވިދާޅުވީ ދަރަނީގެ 80 ޕަސެންޓަކީ ޗައިނާއިން ނަގާފައިވާ ދަރަނި ކަމަށެވެ. އަދި މާމަމެންގެ ފައްޓަރުބައި ވިއްކާލައިގެންވެސް ދަރަނި އަދާ ނުކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން ޗައިނާ ސަފީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާމަގެ ފައްޓަރުބަޔަކީ އަގުހުރި އެއްޗެއް ކަމަށް ގަބޫލުކުރާ ކަމަށާއި ނަމަވެސް އެއީ އަގެއް ނެތި ލިބޭނެ އެއްޗެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ޗައިނާ އިން އިހުތިޔާރު ކުރީ އެކުވެރިކަން ކަމަށާއި އެއީ އަގު ނުކުރެވޭނެ ވަރުގެ ކަމެއް ކަމަށް ސަފީރު ވިދާޅުވިއެވެ.

ވޯލްޑް ބޭންކުންގެ ޖީ-20ގެ ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ ދަށުން، ޗައިނާ އިން ބައެއް ލޯނުތައް ފަސްކޮށްދީފައިވާ ކަމަށް ރައީސް އޮފީހުން ވަނި ބުނެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.