އައްޑޫ އާއި ހުވަދޫ އަށް ސީދާ ޓުޓިކޮރިނުން މުދާ ގެންނަން ފަށަނީ

ކާގޯ ފެރީ ކުޅުދުއްފުށީ ބޭރުގައި ބަނދަރުކޮށްފައި— ފޮޓޯ/ މަހުލޫފް

އައްޑު ސިޓީ އާއި ހުވަދު އަތޮޅަށް ސީދާ ޓުޓިކޮރިން އިން މުދާ ގެންނަން ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކާގޯ ފެރީ ރާއްޖެ އަށް ފުރަތަމަ އައިސްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ފުރަތަމަ ދަތުރުގައި އެކަނިވެސް 500 ޓަނަށް ވުރެ ގިނަ މުދާ އެ ފެރީ އިން ވަނީ ރާއްޖެ ގެނެސްފައެވެ.

ކާގޯ ބޯޓުގެ ފުރަތަމަ ދަތުރުގައި ގިނައިން ހިމެނެނީ ސިމެންތިއެވެ. ނަމަވެސް ކާބޯ ތަކެތިވެސް ހިމެނެއެވެ. އެތަކެތި ކުޅުދުއްފުއްޓަށް ބާލާނީ، އެމްޕީއެލްގެ ކުޅުދުއްފުށީ ޕޯޓުގެ އުޅަނދުތައް ބޯޓު ކައިރިއަށް ގޮސްގެންނެވެ.

ކުޅުދުއްފުށީ ޕޯޓަށް ކައިރިކުރެވެނީ އެންމެ ބޮޑުވެގެން ވެސް 1000 ޓަނުގެ ބޯޓަށެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު އަލަށް ފެށި ކާގޯ ހިދުމަތުގައި މިވަގުތު ބޭނުންކުރަނީ 3000 ޓަނުގެ ބޯޓެކެވެ.

ހއ. ހޯރަފުށީގައި ރައީސް ސޯލިހުގެ ސަރުކާރުން ތަރައްގީ ކުރި އެއާޕޯޓު ރަސްމީކޮށް ހުޅުވައި ދެއްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކުޅުދުށްފުށްޓަށް ސީދާ ކޮޗިންއިން ޑައިރެކްޓްކޮށް މުދާ އެބަ ގެނެވޭ ކަމަށެވެ.

"މިހާރު އެނގިވަޑައިގަންނަވާނެ، ކުޅުދުށްފުށްޓަށް ސީދާ ކޮޗިންއިން ޑައިރެކްޓްކޮށް މުދާ އެބަ ގެނެވޭ. ހަމަ އެގޮތަށް އައްޑުއަށާއި ހުވަދުއަތޮޅަށް ސީދާ ޓުޓިކޮރިންއިން ބޯޓުފަހަރު އާދެވޭގޮތަށް، އެސް.ޓީ.އޯ.ގެ ޝިޕިންގ ކުންފުނިން، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެ މަސައްކަތް ފަށާނެ." ރައީސް ވިދާޅުވިއެވެ.

ކާގޯ ބޯޓުގެ ހިދުމަތް ކުރިއަށް ދާނީ އިންޑިޔާގެ ޓުޓިކޮރިން ބަނދަރުން އައްޑޫ ސިޓީ އާއި ގދ.ތިނަދޫއަށެވެ. މި ދަތުރުތައް ޝެޑިއުލްކުރެވިފައި ވަނީ ކޮންމެ 20 ދުވަހަކުން ރައުންޑު ވޮރޭޖްއެއް ފުރިހަމަވާ ގޮތަށް އިންޑިއާގެ ޓުޓިކޮރިން ބަދަރުން އައްޑޫ ސިޓީ އަށް، އަދި އައްޑޫ ސިޓީ އިން ގދ. ތިނަދޫ އަށް އަދި ތިނަދޫ އިން ޓުޓިކޮރިން އަށެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.