މިއީ ބޮޑެތި ޕްރޮޖެކްޓު ހުއްޓާލަންވީ ވަގުތެއް ނޫން، މިއީ އިގްތިސޯދު ހިންގަންވީ ވަގުތު: ރައީސް

ރައީސް ސޯލިހު ހޯރަފުށި އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ: ފޮޓޯ / ޕީއެސްއެމް

މިއީ ބޮޑެތި ޕްރޮޖެކްޓުތައް ހުއްޓާލަންވީ ވަގުތެއް ނޫން ކަމަށާއި މިއީ އިގްތިސޯދި ހިންގަންވީ ވަގުތު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހޯރަފުށި އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 34.78 ބިލިއަން ރުފިޔާގެ ބަޖެޓަކީ މިވަގުތުގެ ހާލަތަށް ބަލާ ހުށަހެޅޭނެ އެންމެ ރަނގަޅު ބަޖެޓު ކަމަށެވެ. މިފަދަ ދަތި ދަނޑިވަޅެއްގައި ވެސް ސަރުކާރުން އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަ ނުކޮށް އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ކޮށްފައި ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މިއީ ދަތި ވަގުތެއް ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މި ވަގުތަކީ ފައިސާ ހޯދައިގެން ނަމަވެސް ކަންކަން ކުރަންވީ ވަގުތު ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ބަޖެޓުގައި ހުރި ބައެއް އަދަދުތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ކެޕިޓަލް ހަރަދުގެ ގޮތުގައި ހުންނާނީ ހަނިމާދޫ އެއާޕޯޓާއި އައްޑޫ އެއާޕޯޓާއި މާލެ ބުރިޖާއި މާލޭ ވިޔަފާރި ބަނދަރާއި އަދި ރާއްޖޭގެ ހުރިހާ ރަށެގައި ފެނާ ނަރުދަމާ ގާއިމުކުރުމާއި ފަސް ޓާޝަރީ ހޮސްޕިޓަލް ހެދުން ފަދަ ބޮޑެތި މަޝްރޫއުތައް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫއުތަކަށް ފައިސާ ވެސް ހުރީ ހަމަޖެހިފައެވެ.

އަންނަ އަހަރުގެ ބަޖެޓަށް ބަހުސް ކުރައްވަމުން ބަޖެޓު ކުޑަ ކުރެއްވުމަށް ބައެއް މެންބަރުން ހިޔާލު ފާޅުކުރެއްވުމުން ރައީސް ވަނީ މެންބަރުންނަށް އަމާޒުކޮށް ވެސް ވާހަކަދައްކަވާފައެވެ. އެގޮތުން ވިދާޅުވީ މިވަގުތަކީ ސަރުކާރުން އެކަނި މަސައްކަތް ކުރަންވީ ވަގުތެއް ނޫން ކަމަށާއި މިކަމުގައި މަޖިލިސް މެންބަރުންގެ އެހީތެރިކަން ސަރުކާރަށް ބޭނުންވާނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވެސް ދަންނަވާލަން ބޭނުންވަނީ މިކަމަށް އެހީތެރިވެދެއްވާށޭ. މިއަކީ ހަމައެކަނި ސަރުކާރުން މަސައްކަތް ކުރަންވީ ވަގުތެއް ނޫނޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ހއ. އަތޮޅުގެ ރަށްތަކަށް ހުރި ތަރައްގީގެ މަޝްރޫއުތައް ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އެކަންކަން ކުރެވެން އަންނާނީ އަންނަ ބަޖެޓު ފާސް ކޮށްދިނުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *