އީސީގެ ނާއިބު ރައީސް އަކްރަމް އިސްތިއުފާ ދެއްވައިފި

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު އަކްރަމް: ފޮޓޯ / އަވަސް

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނާއިބު ރައީސް އަހުމަދު އަކްރަމް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އަކްރަމް އިސްތިއުފާ ދެއްވާފައި މިވަނީ އިލެކްޝަންސްގެ މުވައްޒަފުންތަކަކަށް އަކްރަމް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެއް ދިރާސާ ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީ އިން އަކްރަމް މަގާމުން ވަކި ކުރުމަށް ނިންމުމާއި ގުޅިގެންނެވެ.

އެ މައްސަލަ ކޮމެޓީ އިން ދިރާސާ ކުރިއިރު ކޮމެޓީ އަށް އަކްރަމް އާއި އަކްރަމްގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ އަންހެން މުވައްޒަފުން ވެސް ހާޒިރުކުރިއެވެ.

އަކްރަމް އާއި ގުޅޭ ގޮތުން ހުށަހެޅުނު މައްސަލަ ދިރާސާކުރި މަޖިލީހުގެ ކޮމެޓީ ކުރިޔަށް ގެންދިޔައީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ. އީސީގެ މެންބަރުކަމުން އަކްރަމް ވަކި ކުރަން ނިންމީ ހަތް މެންބަރުންގެ ވޯޓުންނެވެ.

އެ ކޮމިޝަންގެ ނައިބު ރައީސަކަށް ހުންނެވި އަމްޖަދު މުސްތަފާގެ ފަސް އަހަރުގެ ދައުރު ހަމަވުމުން، ނޮވެމްބަރު 24، 2019 ގައި އަކްރަމް ވަނީ ކޮމިޝަންގެ ނައިބު ރައީސަކަށް އައްޔަންކޮށްފައެވެ. އަދި އޭގެ ފަހުން އަކްރަމްގެ މެންބަރުކަމުގެ ދައުރު ހަމަވާތީ އެ މަގާމަށް ކުރި އިއުލާނަށް އަކްރަމް އަލުން އެ މަގާމަށް ކުރިމަތިލިއެވެ.

ދެވަނަ ދައުރަކަށް ކުރިމަތިލުމުން މަޖިލީހުގެ 77 މެންބަރުންގެ ބޮޑު އަގުލަބިއްޔަތަކުން އަކްރަމް އީސީގެ މެންބަރުކަމަށް އައްޔަން ކުރުމަށް ފާސްކުރިއެވެ. އަދި އީސީގެ ބައްދަލުވުމެއްގައި އަކްރަމް އީސީގެ ނާއިބު ރައީސް ކަމަށް ދެވަނަ ފަހަރަށް ހަމަޖެއްސިއެވެ.

Leave a Reply

Your email address will not be published. Required fields are marked *