އެއާޕޯޓު ހުޅުވުމަށް ރައީސް ހޯރަފުއްޓަށް

ގައުމީ އެއާލައިން މޯލްޑިވިއަންގެ ބޯޓަކަށް ރައީސް ސޯލިހު އަރައިވަޑައިގަންނަވަނީ: ފޮޓޯ / ރައީސް އޮފީސް

ހއ. ހޯރަފުށީގައި ގާއިމްކޮށްފައިވާ އެއާޕޯޓު ރަސްމީކޮށް ހުޅުވައި ދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހޯރަފުއްޓަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިއީ ކޮވިޑް-19 އިގެ ތެރޭގައި މީހުން ދިރިއުޅެ ރަށަކަށް ރައީސް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެމަނިކުފާނު ހޯރަފުއްޓަށް ވަޑައިގަންނަވާނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

މި އެއާޕޯޓު ހުޅުވުމަށް އެންމެ ފުރަތަމަ ހަމަޖެހިފައި އޮތީ މިދިޔަ އަންގާރަ ދުވަހު އެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެއާޕޯޓު ހުޅުވުން ވަނީ މިއަދަށް ފަސްކޮށްފައެވެ. ހޯރަފުށި އެއާޕޯޓަށް ޓެސްޓު ފްލައިޓު މި މަހުގެ 16ވަނަ ދުވަހު ވަނީ ޖައްސައިފައެވެ.

ހޯރަފުށި އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސިއިރު އެ ފްލައިޓުގައި ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) އާއި އެއާޕޯޓުގެ މަސައްކަތް ކޮށްފައިވާ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުން ވަޑައިގެންނެވިއެވެ.

މި މަސައްކަތަކީ 198 މިލިއަން ރުފިޔާ ހަރަދުކޮށްގެން ސަރުކާރުން ކޮށްފައިވާ މަސައްކަތެކެވެ. މި މަސައްކަތަކީ ހޯރަފުށި ފަޅުން ބައެއް ހިއްކައިގެން ކޮށްފައިވާ މަސައްކަތެކެވެ. އެ މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 25ވަނަ ދުވަހުއެވެ.

މި އެއާޕޯޓަކީ އެއާޕޯޓަކީ 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއެއް އޮންނަ އެއާޕޯޓެކެވެ.

Leave a Reply

Your email address will not be published. Required fields are marked *