އިންތިހާބުގައި ވާދަކުރާ 83 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފި

ސިޔާސީ ޕާޓީތަކާއި އެކުގައި އިލެކްޝަނުން މީގެކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ / ހަތާވީސް

ކުރިޔަށް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް 80އަށް ވުރެ ގިނަ ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އަނެއްކާވެސް އިތުރު 15 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. މީގެތެރެއިން ފަސް ކެނޑިޑޭޓުންނަކީ ކައުންސިލު އިންތިހާބުގެ އަންހެނުންނަށް ހާއްސަ ގޮނޑިއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނެވެ. އަށް ކެނޑިޑޭޓުންނަކީ ކައުންސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނެވެ. ދެ ކެނޑިޑޭޓުންނަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ދެ ކެނޑިޑޭޓުންނެވެ.

މިހާތަނަށް ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނައިން ނަން އަނބުރާ ގެންދިޔައީ އެމްޑީޕީއަށް ނިސްބަތްވާ ކެންޑިޑޭޓުންނެވެ. ދެވަނަ އަށް އެންމެ ގިނައިން ނަން އަނބުރާ ގެންދިޔައީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިންނެވެ.

އިލެކްޝަންސް އިން ބުނީ މިހާތަނަށް ޖުމްލަ 83 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އެހެންކަމުން ކައުންސިލް އިންތިހާބުގައި މިހާރު ވާދަކުރާ ކެންޑިޑޭޓުންގެ އަދަދަކީ 2،307 މީހުން ކަމަށެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރަނީ 1،785 ކެންޑިޑޭޓުން ކަމަށެވެ.

ކޮވިޑް19 އާއި ގުޅިގެން ކައުންސިލް އިންތިހާބު ފަސް ކުރީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހާއްސަ ގާނޫނަކުންނެވެ. އެގޮތުން އަންނަ އަހަރުގެ މެއި މަހުގެ 10ވަނަ ދުވަހުގެ ކުރިން ކައުންސިލް އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް އެ ގާނޫނުގައި ބުނެފައިވެއެވެ. އެހެންކަމުން އިލެކްޝަނުން ވަނީ މާޗު 6ގެ ކުރިން އިންތިހާބު ބާއްވަން މަސައްކަތް ފަށައިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *