އަކްރަމް އީސީ އިން ވަކިކުރަން ނިންމައިފި

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު އަކްރަމް: ފޮޓޯ / އަވަސް

އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް ކަމުގައި ހުންނެވި އަހުމަދު އަކްރަމް އެ ކޮމިޝަނުން ވަކި ކުރުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ރައްޔިތުން މަޖިލީހުގެ ކޮމެޓީ އިން ނިންމައިފިއެވެ.

ކޮމެޓީ އިން އެގޮތަށް ނިންމީ އިލެކްޝަންސްގެ މުވައްޒަފުންތަކަކަށް އަކްރަމް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެއް ދިރާސާ ކުރުމަށް ފަހުއެވެ. އެ މައްސަލަ ކޮމެޓީ އިން ދިރާސާ ކުރިއިރު ކޮމެޓީ އަށް އަކްރަމް އާއި އަކްރަމްގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ އަންހެން މުވައްޒަފުން ވެސް ހާޒިރުކުރިއެވެ.

އަކްރަމް އާއި ގުޅޭ ގޮތުން ހުށަހެޅުނު މައްސަލަ ދިރާސާކުރި މަޖިލީހުގެ ކޮމެޓީ ކުރިޔަށް ގެންދިޔައީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ. އީސީގެ މެންބަރުކަމުން އަކްރަމް ވަކި ކުރަން ނިންމީ ހަތް މެންބަރުންގެ ވޯޓުންނެވެ.

އެ ކޮމިޝަންގެ ނައިބު ރައީސަކަށް ހުންނެވި އަމްޖަދު މުސްތަފާގެ ފަސް އަހަރުގެ ދައުރު ހަމަވުމުން، ނޮވެމްބަރު 24، 2019 ގައި އަކްރަމް ވަނީ ކޮމިޝަންގެ ނައިބު ރައީސަކަށް އައްޔަންކޮށްފައެވެ. އަދި އޭގެ ފަހުން އަކްރަމްގެ މެންބަރުކަމުގެ ދައުރު ހަމަވާތީ އެ މަގާމަށް ކުރި އިއުލާނަށް އަކްރަމް އަލުން އެ މަގާމަށް ކުރިމަތިލިއެވެ.

ދެވަނަ ދައުރަކަށް ކުރިމަތިލުމުން މަޖިލީހުގެ 77 މެންބަރުންގެ ބޮޑު އަގުލަބިއްޔަތަކުން އަކްރަމް އީސީގެ މެންބަރުކަމަށް އައްޔަން ކުރުމަށް ފާސްކުރިއެވެ. އަދި އީސީގެ ބައްދަލުވުމެއްގައި އަކްރަމް އީސީގެ ނާއިބު ރައީސް ކަމަށް ދެވަނަ ފަހަރަށް ހަމަޖެއްސިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *