ކޮރޯނާ ވައިރަސް: މަރުވި މީހުންގެ އަދަދު 362، ބަލި ޖެހުނު މީހުންގެ އަދަދު 17،388 އަށް!

ކޮރޯނާ ވައިރަސް: ފޮޓޯ/ ބީބީސީ

ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 362 އަށް އަރައި، މިބަލި ޖެހުނު މީހުންގެ އަދަދު 17،388 އަށް އަރައިފި ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޗައިނާ އިން މިއަދު އާއްމުކުރި ތަފާސް ހިސާބަށް ބަލާއިރު ހަމައެކަނި މިއަދުވެސް ކޮރޯނާވައިރަސް ޖެހިގެން ޗައިނާ އިން ވަނީ 56 މީހަކު މަރުވެފައެވެ.  އަދި އެ ޕްރޮވިންސުން އިތުރު 2103 މީހަކަށް މި ބަލި ޖެހިފައިވާ ކަމަށެވެ. ޗައިނާގެ ވުހާން ސިޓީ އިން ފުރަތަމަ ފެނުނު މި ވައިރަސް ވަނީ ޗައިނާގެ ހުރިހާ ހިސާބަކަށް ފެތުރިފައެވެ. ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް މަރުވި މީހުންގެ ތެރެއިން އެންމެ މީހަކު ފިޔަވައި އެންމެންނަކީ ޗައިނާ އިން މަރުވި މީހުންނެވެ.

ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާއިން ވަނީ މި ވައިރަސް އާއި ގުޅިގެން ކުއްލި ހާލަތުވެސް އިއުލާންކޮށްފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން 27 ގައުމަކާ ސަރަހައްދުތަކަކަށް މި ވައިރަސް ފެތުރިފައިވާއިރު، އެ ގައުމުތަކުން ދަނީ ޗައިނާއަށް ދަތުރުކުރުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.

މި ބަލި އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވޫހާން ސިޓީން ކަމަށްވީ ނަމަވެސް މި ބަލި ޖެހިފައިވާ މީހުންތައް ޗައިނާގެ އެހެން ސިޓީތަކުންނާއި އަދި ބައެއް އެހެން ގައުމުތަކުން ވެސް މިހާރު އަންނަނީ ފެންނަމުންނެވެ. ޗައިނާގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަހުން އެގައުމު ސަލާމަތްނުވަނީސް ދޫނި ރޯގާވެސް ފެތުރެން ފަށާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.