ސަން ޓްރެވަލްސްގެ އެކައުންޓްތައް ފްރީޒްކުރުމުގައި ނަޝީދު އެހީވިކަމުގެ ތުހުމަތު!

ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި ސަން ޓްރެވަލްގެ ވެރިޔާ އަހުމަދު ސިޔާމް (ކ) އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ---

ސަން ޓްރެވަލްސް ކުންފުނީގެ ބޭންކް އެކައުންޓްތައް ފްރީޒްކުރަން ސިވިލް ކޯޓުން އަމުރުކުރީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހިލްޓަން ކުންފުންޏަށް އެހީވެގެން ކަމަށް ތުހުމަތު ކުރައްވައިފިއެވެ.

ސިވިލް ކޯޓުން އޭރު ބުނީ އެ އަމުރު ނެރުނީ ސަން ޓްރެވަލްސްއާ ދެކޮޅަށް ހިލްޓަން އިންޓަނޭޝަނަލް ކުންފުނިިން ހުށަހަޅާފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ސިވިލް ކޯޓުން މިފަދަ އަމުރެއް ނެރެފައިވާއިރު ސަން ޓްރެވަލްސް އިން ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން ބާތިލް ކުރުމުން ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ދެއްކުމަށް ސިންގަޕޫރު އާބިޓްރޭޝަން އިން ވަނީ ހުކުމެއް ކޮށްފައެވެ.

ނަމަވެސް ހުކުމާ އެއްގޮތަށް ސިޔާމްގެ ކުންފުނިން ފައިސާ ނުދައްކާތީ ހިލްޓަން އިން ވަނީ ރާއްޖޭގެ ކޯޓުތަކަށް މައްސަލަ ހުށަހަޅާފައެވެ. އެގޮތަށް ހުށަހަޅާފައި ވަނިކޮށް 2017ވަނަ އަހަރު ސިވިލް ކޯޓުން ވަނީ ސިޔާމްގެ ކުންފުންޏަށް 16 މިލިއަން ޑޮލަރު ދިނުމަށް ހުކުމްކުރިއެވެ. ފަހުން އެ ހުކުމް ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ.

މިކަމާއި ގުޅިގެން މިއަދުގެ ބަޖެޓު ބަހުސްގައި ސިޔާމް ވަނީ އެ ވާހަކަ ދައްކަވާފައެވެ. ނަމަވެސް މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު އެކަން ހުއްޓުވިއެވެ. ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި އެކަމަށް [އަމިއްލަ ވިޔަފާރީގެ ވާހަކަތައް ދައްކަން] ތަން ނުދޭ ކަމަށެވެ. ނަމަވެސް ސިޔާމް ވިދާޅުވީ އޭނާ ދައްކަވަނީ ދިވެހި ރައްޔިތުންނާއި ދިވެހިރާއްޖޭގެ ވާހަކަތައް ކަމަށެވެ.

"އިއްޒަތްތެރު މެމްބަރުގެ އަމިއްލަ ވިޔަފާރީގެ ވާހަކަފުޅު މިތަނުގައި ތިޔަހެން ދެއްކުމަކީ ރަނގަޅުކަމެއް ނޫން. މިތަނުގެ ގަވައިދު ތަންދޭ ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އިތުރަށް ސިޔާމް ވިދާޅުވީ އޭނާ ދައްކަނީ ރާއްޖޭގައި އަދުލު އިންސާފު ގާއިމްވެފައި ނެތް ކަމުގެ ވާހަކަ ކަމަށެވެ. އަދި ރައީސް ނަޝީދާއި ޖުޑީޝަލް ސާވިސް ކޮމިޝަނުން ބޭނުންހާ ގޮތަކަށް ކަންކަން ކުރާ ވާހަކަ ކަމަށެވެ.

"އަޅުގަނޑު މި ދައްކަނީ ތިބޭފުޅުން އެކަމުގައި ތެރެއަށް ވަތް ވާހަކަށް. އަޅުގަނޑު މިދައްކަނީ ތިބޭފުޅާ [ރައީސް ނަޝީދު] ހިލްޓަން ކުންފުނީގެ ތެރެއަށް ވަދެގެން އެތަނަށް އިންފްލުއެންސް ފޯރުވާ އަޅުގަނޑަށް އަނިޔާ ކުރަމުންދާ ވާހަކަ،" ނަޝީދަށް ތުހުމަތު ކުރައްވާ ސިޔާމް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *