ރައީސް ޔާމީންގެ އެދިވަޑައިގަތުމަށް ޝަރީއަތް ކެންސަލްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަޕޯޓަރުންނަށް ހަނާ އަޅުއްވަނީ: ފޮޓޯ / ހަތާވީސް

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި ގުޅިގެން މިއަދު ބާއްވަން ނިންމާފައި އޮތް ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

މިއަދުގެ އަޑުއެހުން ކެންސަލް ކުރީ ރައީސް ޔާމީންގެ އެދިވަޑައިގަތުމަށެވެ. ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކުރިކީލަހިޔާ، އަޙްމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1,117,000 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް) އެމެރިކާ ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްއާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާ ކުރުމަށްޓަކައި ފަށަލަ ކޮށްފައިވާ މައްސަލާގައި ދަޢުވާކޮށް، އެ މައްސަލަ ކޯޓަށް ހުށަހެޅީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.

މި މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 510ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ރ)ގެ ދަށުން ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 53ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ ފަސްވަނަ މާއްދާގެ ތިންވަނަ ނަންބަރާއި ހަވާލާދީ އެ ގާނޫނުގެ 53ވަނަ މާއްދާގެ (ށ)ގެ ދަށުން މަނީ ލޯންޑަރިން ކުށުގެ ދައުވާއެވެ.

ރައީސް ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާ އެއް އުފުލާފައިވާއިރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން އެމަނިކުފާނު ގެންދަވަނީ މާފުށި ޖަލުގައި އެ ހުކުމް ތަންފީޒު ކުރައްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *