މޫސުން ތަން ނުދޭތީ ހޯރަފުށި އެއާޕޯޓު މިއަދުވެސް ނުހުޅުވުނު

ހޯރަފުށި އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސާފައި: ފޮޓޯ / އެމްޓީސީސީ

ހއ. ހޯރަފުށީގައި ގާއިމްކޮށްފައިވާ އެއާޕޯޓުގެ މަސައްކަތް ނިންމާ، އެ އެއާޕޯޓު ހުޅުވަން މިއަދު ތައްޔާރުވެފައި އޮތް ނަމަވެސް އެ އެއާޕޯޓު ހުޅުވުން އަނެއްކާވެސް މާދަމާ އަށް ފަސްކޮށްފިއެވެ.

އެއާޕޯޓު ހުޅުވުން ފަސްކުރީ މޫސުން ތަން ނުދިނުމުގެ ސަބަބުން ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުންޏެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފުރަތަމަ ގާއިމްކުރި އެއާޕޯޓު ހުޅުވުމަށް އެމަނިކުފާނު ވަޑައިގަންނަވާ ގޮތަށްވެސް މީގެކުރިން އޮތީ ހަމަޖެހިފައެވެ.

އެއާޕޯޓު ހުޅުވުން މިހާރު ޓްރާންސްޕޯޓު މިނިސްޓްރީ އިން ދީފައިވާ ތާރީހަކީ މާދަމާއެވެ. ނަމަވެސް އެއީ ވެސް މޫސުން ގޯސް ނޫން ކަމަށްވާ ނަމަ ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ.

ހޯރަފުށި އެއާޕޯޓަށް ޓެސްޓު ފްލައިޓު މި މަހުގެ 16ވަނަ ދުވަހު ވަނީ ޖައްސައިފައެވެ.

ހޯރަފުށި އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސިއިރު އެ ފްލައިޓުގައި ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) އާއި އެއާޕޯޓުގެ މަސައްކަތް ކޮށްފައިވާ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުން ވަޑައިގެންނެވިއެވެ.

މި މަސައްކަތަކީ 198 މިލިއަން ރުފިޔާ ހަރަދުކޮށްގެން ސަރުކާރުން ކޮށްފައިވާ މަސައްކަތެކެވެ. މި މަސައްކަތަކީ ހޯރަފުށި ފަޅުން ބައެއް ހިއްކައިގެން ކޮށްފައިވާ މަސައްކަތެކެވެ. އެ މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 25ވަނަ ދުވަހުއެވެ.

މި އެއާޕޯޓަކީ އެއާޕޯޓަކީ 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއެއް އޮންނަ އެއާޕޯޓެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published.