ރައީސް ސޯލިހުގެ އިހުލާސްތެރި މަސައްކަތަށް ގާސިމްގެ ހެޔޮ ދުއާ!

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ރައީސް ސޯލިހާ ސަލާމް ކުރައްވަނީ: ފޮޓޯ / ރައީސް އޮފީސް

އެތެރެއާ ބޭރުން ނަގާ އެކި ރާޅުތަކުން ގައުމު ސަލާމަތް ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވާ މަސައްކަތަށް ސަރުކާރު ކޯލިޝަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ޝުކުރު އަދާ ކުރައްވައިފިއެވެ.

ރައީސް ސޯލިހުގެ ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން ގާސިމް ކުރެއްވި ޓްވީޓެއްގައި މިރޭ ވަނީ ރައީސް ސޯލިހުގެ ވެރިކަމަށް ދެ އަހަރު ފުރޭ އުފާވެރި މުނާސަބަތުގައި އެމަނިކުފާނަށް ތަހްނިޔާ އަރިސް ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

"އެތެރެއާއި ބޭރުން ނަގާ އެކިރާޅުތަކުން ސަލާމަތްވެ ގައުމު އަމާން ބަނދަރަކަށް ގެންދިއުމަށް އެމަނިކުފާނު ކުރައްވާ އިހުލާސްތެރި މަސައްކަތުގައި الله ތައާލާ ބަރަކާތްލައްވާށިއެވެ." ގާސިމްގެ ޓްވީޓުގައި ވިދާޅުވިއެވެ.

ދެހާސް ތޭރަވަނަ އަހަރު އޭރު ރާއްޖޭގެ ވެރިކަމަށް ރައީސް އަބްދުﷲ ޔާމީން ގެނައުމަށް މަސައްކަތްކޮށް އެކަން ކާމިޔާބުވި ނަމަވެސް އޭރުގެ މަޖިލިސް އިންތިހާބުގައި ޕީޕީއެމް އާއި ޖޭޕީ އާއި ދެމެދު އުފެދުނު ނުތަނަވަސް ކަމާއި ގުޅިގެން ސަރުކާރަށް ފާޑު ކިޔައި ގާސިމް ވަނީ ރައީސް ޔާމީންގެ ސަރުކާރު ކޯލިޝަނުން ބޭރުވެފައެވެ. އެއަށްފަހު ރައީސް ޔާމީންގެ ސަރުކާރުގައި ގާސިމް އަށް ވިޔަފާރީގެ ގޮތުންވެސް އެތައް ދަތިތަކާއި ކުރިމަތިލާން ޖެހުނެވެ.

މީގެއިތުރުން އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ނަގަން އޮތް ވޯޓުގެ ކުރިން މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވައި، މެންބަރުންނަށް ރިޝްވަތި ހުށަހެޅުއްވި ކަމަށް ބުނެ ދައުލަތުން ގާސިމްގެ މައްޗަށް ދައުވާ އުފުލާ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް އޭރު ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.

ނަމަވެސް ފަހުން ގާސިމްގެ ސިއްހީ ހާލުކޮޅު ގޯސްވެ ރާއްޖެއިން ބޭރަށް ބޭސްފަރުވާ އަށް ވަޑައިގެން ލަންޑަނުގައި ދުވަސްތަކެއް ހޭދަކުރެއްވިއެވެ. އޭގެފަހުން ގާސިމް ރާއްޖެ ވަޑައިގަތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމަށް އިންތިހާބުވެވަޑައިގަތުމުންނެވެ. މި ސަރުކާރުގައި ޖޭޕީ އަކީ ކޯލިޝަންގެ ޕާޓީގެ ގޮތުގައި އޮތް އެންމެ ބޮޑު ޕާޓީއެވެ.

Leave a Reply

Your email address will not be published. Required fields are marked *