ބަޖެޓުގައި ހުރި ކަންކަން ސާފު، ހިތްހަމަނުޖެހުނަސް ރައްޔިތުން ބަޖެޓު ބަލައެއް ނުގަނޭ: އަދުރޭ

އިދިކޮޅުން ބޭއްވި ބައްދަލުވުމެއްގައި އަދުރޭ ވާހަކަދައްކަވަނީ، އަދުރޭ އަކީ މިވަގުތު އިދިކޮޅު ލީޑު ކުރައްވަމުން ގެންދަވާ ބޭފުޅާ: ފޮޓޯ / ހަތާވީސް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ފޮނުވާފައިވާ ބަޖެޓުގައި ހުރި ކަންކަން ދިވެހި ރައްޔިތުންނަށް ސާފު ކަމަށާއި ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ހިތްހަމަނުޖެހުނަސް ރައްޔިތުން އަންނަ އަހަރުގެ ބަޖެޓު ބަލައި ނުގަންނަ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން މިވަގުތު ލީޑު ކުރައްވަމުން ގެންދަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ދެއަހަރު ފުރުމާއި ގުޅިގެން އެމްޑީޕީގެ ހަރުގޭގައި މިއަދު ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ހުދު އިދިކޮޅުން ދައްކަމުން ގެންދާ ދަރަންޏަކީ ވެސް ކޮން ބައެއް ދިވެހި ރައްޔިތުންގެ ބޮލުގައި އެޅުވި ދަރަންޏެއްކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ. ނަޝީދު ވިދާޅުވީ ދަރަނީގެ ވާހަކަ ދައްކަން އިދިކޮޅުން ލަދު ގަންނަން ޖެހޭނެ ކަމަށެވެ.

އެކަމަށް ރައްދު ދެއްވާ މިއަދު ހަވީރު ޕީޕީއެމްގެ އޮފީހުގައި އޮތް ޖަލްސާއެއްގައި އަދުރޭ ވިދާޅުވީ 34 ބިލިއަނުގެ ބަޖެޓެއްގައި 33 ބިލިއަންގެ ދަރަންޏެއް އޮތުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށެވެ. 15 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބަޖެޓުގައި އޮތުމުން އެ ބަޖެޓަކީ "ތާކުން ތާކުން" ނުޖެހޭ ބަޖެޓެއްކަން އެނގޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ނަޝީދަށް ވާނުވާ ނޭނގުނަސް އަޅުގަނޑުމެންނަށް ވާނުވާ އެބަ އިނގޭ. އަރަންޏާއި ދަރަންޏާއި، ފައިދާ އާއި ގެއްލުމާއި ޕީޕީއެމް އާއި ރައީސް ޔާމީނަށް އިނގެއޭ. ކުޑަކުދިން ކައިރީގައި ދައްކާ ކަހަލަ ވާހަކަ އަޅުގަނޑުމެން ކައިރީގައި ދައްކަން އުޅޭނެ ކަމެއް ނެތް" އަދުރޭ ވިދާޅުވިއެވެ.

އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތަކަކީ އިގްތިސޯދަށް ނުކަތާ ވަރުގެ މަޝްރޫއުތަކެއްކަން ހުދު މި ސަރުކާރުން މަރުކަޒީ ބޭންކް (އެމްއެމްއޭ) އަށް އައްޔަން ކުރެއްވި ގަވަރުނަރު އަލީ ހާޝިމްވެސް ވިދާޅުވެފައިވާ ކަމަށް އަދުރޭ ފާހަގަކުރެއްވިއެވެ.

"މިއީ އަޅުގަނޑުމެން ދައްކާ ވާހަކައެއް ނޫން، މި ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ދައްކާ ވާހަކަ. ދެން މިދަންނަވަނީ ތިމަންނަމެންގެ ސަބަބުންނެއް ނޫނޭ ދަރަނި ބޮޑުވީ. ދަރަނި ބޮޑުވީ ރައީސް ޔާމީންގެ ސަބަބުންނޭ،" އަދުރޭ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *