މަގާމުން ވަކިކުރުމަށް ހަމަޖެހިފައި ވަނިކޮށް މެޖިސްޓްރޭޓު މުލްހާ އިސްތިއުފާދީފި

ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓު މުލްހާ އަލީ: ފޮޓޯ /އަވަސް

ޏ. ފުވައްމުލަކު ސިޓީގެ މެޖިސްޓްރޭޓު މުލްހާ އަލީ މަގާމުން ވަކި ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައި ވަނިކޮށް މަގާމުން އިސްތިއުފާ ދީފިއެވެ.

ޖޭއެސްސީ އިން މިއަދު ބުނީ މެޖިސްޓްރޭޓް މުލްހާ މަގާމުން އިސްތިއުފާ ދެއްވީ މަގާމުން ވަކިކުރުމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެހިފައިވަނިކޮށް ކަމަށެވެ.

ޖޭއެސްސީ އިން ވަނީ މެޖިސްޓްރޭޓު މުލްހާގެ ގިނަ މައްސަލަތަކެއް ބަލައިފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު 19 ވަނަ ދުވަހު މުލްހާގެ ކޮއްކޮ ހައްޔަރުކުރި މައްސަލައިގައި ހެކި ނައްތާލައި ހެއްކަށް ނުފޫޒު ފޯރުވައި ތަހުގީގަށް ހުރަސްއަޅައި ދަތިކުރުމަށްޓަކައި މުލްހާ ޢަމަލުކުރި ކަމަށް ޖޭއެސްސީ އިން ބުންޏެވެ. އަދި މުލްހާގެ ކޮއްކޮގެ ބަންދުގެ މަޖިލިސް ކުރިޔަށް ދިޔަ ދުވަހު ކޯޓުގެ މުވައްޒަފުންނަށް ގުޅައިގެން އޮންނަ އިޖްރާއަތާ ހިލާފަށް އެމައްސަލައިގެ ލިޔުންތައް ހޯދުމަށް މަސައްކަތްކޮށްފައިވާކަން ޖޭއެސްސީގެ ތަހުގީގަށް ސާބިތުވާ މައްސަލަ ވެސް ޖޭއެސްސީން ވަނީ ތަހުގީގުކޮށްފައެވެ.

މެޖިސްޓްރޭޓް މުލްހާ މައްޗަށް ޖޭއެސްސީން ތަހްގީގު ކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި، ދިފާއީ ވަކީލުންނާއެކު ވަކިން ބައްދަލުކުރުމާއި ގާތް ގުޅުން ބާއްވާކަމާއި، މައްސަލަތަކުގެ ދިފާއީ ވަކީލުންގެ ގޮތުގައި ހިމެނޭ ވަކީލުން ގެއަށް ގޮސް ބައްދަލުކުރާ މައްސަލަ ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *