ދަރަނީގެ ވާހަކަ ދައްކަން އިދިކޮޅުން ލަދުގަންނަން ޖެހޭ: ރައީސް ނަޝީދު

ރައީސް މުހައްމަދު ނަޝީދު --

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން ދަރަނީގެ ވާހަކަތައް ދެއްކުމަށް ވުރެ ވަކި ލަދުވެތި ވާހަކައެއް ނޯންނާނެ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ދެއަހަރު ފުރުމާއި ގުޅިގެން އެމްޑީޕީގެ ހަރުގޭގައި މިއަދު ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ހުދު އިދިކޮޅުން ދައްކަމުން ގެންދާ ދަރަންޏަކީ ވެސް ކޮން ބައެއް ދިވެހި ރައްޔިތުންގެ ބޮލުގައި އެޅުވި ދަރަންޏެއްކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ. ރާއްޖެ ދުވަހަކު ވެސް ނުދެކޭ މިންވަރަށް ދަރަނިވެރި ވީއިރު ދެންވެފައި އޮތް ގޮތް އަދި މާ ހިތާމަވެރި ކަމަށް ނަޝީދު ވިދާޅުވިއެވެ.

"100 މިލިއަން ޑޮލަރު ނެގީ، އުފެއްދި ހަރުމުދަލުގައި ބަލާލިއިރު 50 މިލިއަން ޑޮލަރެއް ނެތް. ދެން އެ ހަރުމުދާ ބޭނުންކޮށްގެން ވިޔަފާރިގެ އެއްވެސް ހަމައެއް ވިދާޅުވެދެއްވާ މި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދެއްކޭނެ. ނެތް ދެއްކޭކަށް" ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނަގާފައިވާ ދަރަނިތަކާއި ގުޅޭ ގޮތުން ރައީސް ސޯލިހުން ރަނގަޅު ގޮތްތަކެއް ނިންމާނެ ކަމަށް ވިދާޅުވެ ނަޝީދު ވިދާޅުވީ ކުރީ ސަރުކާރުން ނަގާފައިވާ ދަރަނި ފަސް ކުރެވޭނެ ކަމަށެވެ. ބަޔަކަށް އެއްޗެއް ދޭން ޖެހިފައި އޮތް ނަމަވެސް އެ އެއްޗެއް ދެވޭނީ އެ އެއްޗެއް ދެވޭ ވަރު ވުމުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ނެތް އެއްޗެއް ނުދެވޭނެ. ނެތް އެއްޗެއް ބަލާވެސް އަންނާނެ ކަމެއް ނެތް" ނަޝީދު ވިދާޅުވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *