މިނިވަން ގައުމެެއްގެ ގޮތުގައި ރާއްޖެ ދެމި އޮތުމުގެ މަސްދަރަކީ އިސްލާމްދީން: ރައީސް

މިނިވަން ދުވަހާއި ގުޅިގެން ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ: ފޮޓޯ / ރައީސް އޮފީސް

ދިވެހިރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި ދެމި އޮތުމުގެ މަސްދަރަކީ މާތްވެގެންވާ އިސްލާމްދީން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަހާއި ގުޅިގެން ރައީސް ސޯލިހު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ އާއި އިހުލާސްތެރި ހެޔޮ އެދުން ދިވެހި އެންމެހާ ރައްޔިތުނަށް އަރިސް ކުރައްވާފައެވެ.

"މި ރާއްޖެ މިނިވަން ގައުމެެއްގެ ގޮތުގައި ދެމި އޮތުމުގެ މަސްދަރަކީ އިސްލާމްދީން. މާތް ﷲ އިސްލާމްދީނުގެ ނޫރު އަބަދަށްމެ މި ދިވެހި ފަސްގަނޑުގައި ދަމަހައްޓަވާށި،" ރައީސްގެ ޓްވީޓުގައި ވިދާޅުވިއެވެ.

މިއަދަކީ ދިވެހި ރާއްޖެއަށް އިސްލާމް ކަމުގެ އަލި ނޫރު ފާޅުވެގެން ދިޔަތާ 894 އަހަރު ފުރޭ ދުވަހެވެ. ދައުލަތުން ރަސްމީގޮތެއްގައި މި ދުވަސް ފާހަގަކުރަން ދެވަނަ އަށް ފެށިތާ 21 އަހަރު ފުރޭ ދުވަހެވެ. ދިވެހިން އިސްލާމް ދީން ގަބޫލުކުރި ދުވަހެއްގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަބީއުލްއާހިރު މަހުގެ އެއްވަނަ ދުވަސް ފާހަގަކުރާ ދުވަހެވެ.

ރާއްޖޭގެ ތާރީހީ ލިޔުންތަކުން އެނގޭ ގޮތުގައި ދިވެހިރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތު ލިބިގެން ދިޔައީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާހިރު މަހުގައެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ދިވެހި ދައުލަތުން މިދުވަސް ފާހަގަކުރަން ފަށާފައި ވަނީ ހިޖުރައިން 1374 ވަނަ އަހަރެވެ. އެ އަހަރުން ފެށިގެން 1387 ގެ ނިޔަލަށް 14 އަހަރު މި ދުވަސް ފާހަގަ ކުރުމަށްފަހު އެ ދުވަސް ފާހަގަކުރުން ވަނީ ހުއްޓާލާފައެވެ. އޭގެ ފަހުން 1421 ވަނަ އަހަރުން ފެށިގެން މި ދުވަސް އަނެއްކާވެސް ދަނީ ފާހަގަކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *