ކުންފުނިތައް ނީލަން ކިޔުން ޔާމީން ކުށްވެރިކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލްސާއެއްގައި ވާހަކަދައްކަވަނީ ---

ޕްރައިވަޓައިޒޭޝަންގެ ނަމުގައި ސަރުކާރުގެ ކުންފުނިތައް ނީލަން ކިޔުން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުށްވެރި ކުރައްވައިފިއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް އުޅުއްވާ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ރައީސް ޔާމީނާއި މިއަދު ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމަށްފަހު ޖަމީލް ވަނީ ޓްވީޓެއް ކުރައްވާފައެވެ. އަދި ރައީސް ޔާމީންގެ ފަރާތްޕުޅުން ރައްޔިތުންނާއި ހިއްސާ ކުރައްވަން ބޭނުންފުޅުވި ވާހަކަތައް ޖަމީލް ވަނީ އެ ޓްވީޓުގައި ވިދާޅުވެފައެވެ.

ވިދާޅުވީ މިއަދު ރައީސް ޔާމީން އާއި ބައްދަލުވިއިރު، މި ސަރުކާރުން ޖުޑީޝަރީ އަށް ނުފޫޒު ފޯރުވުމާއި، ޕްރައިވަޓައިޒޭޝަންގެ ނަމުގައި ކުންފުނިތައް ނީލަން ކިޔުން އަދި ކޮސްމެޓިކް ބަޖެޓް އެމަނިކުފާނު ކުށްވެރި ކުރެއްވި ކަމަށެވެ.

އަދި ޕީޕީއެމުން ފޯކަސް ކުރަންވީ ރައްޔިތުން ބޭނުންވާ ބަދަލު ގެނެސްދޭން ކަމަށާއި ދެންވެސް ތަރައްގީ ގެނެސްދެވޭނީ އެ ޕާޓީ އަށް ކަމަށް ޖަމީލުގެ ޓްވީޓުގައި ވިދާޅުވިއެވެ.

ރައީސް ޔާމީން އެފަދައިން ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި  ސަރުކާރު ހިއްސާވާ ކުންފުނިތައް ޕްރައިވެޓައިޒްކޮށްގެން 462.6 މިލިއަން ރުފިޔާ ހޯދަން ހިމަނާފައިވުމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *