300 މިލިއަން ޑޮލަރުގެ ސުކޫކަށް ދަރުމަވަންތަ ހޮސްޕިޓަލު ރަހުނުކުރަނީ

ދަރުމަވަންތަ ހޮސްޕިޓަލު --

ތިންސަތޭކަ މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކަށް ރާއްޖޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކުރަން ނިންމައިފިއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 34.78 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މިދިިޔަ ހޯމަ ދުވަހު ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ އަންނަ އަހަރު ވިއްކުމަށް ނިންމާފައިވާ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓާ (އައިސީޑީ) އާއި ގުޅިގެން ވިއްކުމަށް ހަމަޖެހިފައިވާ ސުކޫކެއް ކަމަށެވެ.

"އެކަމުގެ އެގްރީމަންޓެއް މިހާރުވެސް އެފަރާތާއެކު ވަނީ ހެދިފައި. މީގެ އިތުރުން އިނޮވެޓިވް ފައިނޭންސިންގ ގެ ގޮތުގައި ގްރީން ބޮންޑެއް ނުވަތަ ބްލޫ ބޮންޑެއް ވިއްކުމަށް މަސައްކަތްކުރެވޭނެ." އަމީރު ވިދާޅުވިއެވެ.

އެ ބޮންޑުން 100 މިލިއަން އެމެރިކާ ޑޮލަރު ހޯދޭތޯ މަަސައްކަތް ކުރެވޭނެ ކަމަށް މިނިސްޓަރު އަމީރު ފާހަގަކުރެއްވިއެވެ. އަދި ދޭދޭ ގައުމުތަކުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތައް މެދުވެރިކޮށް 150 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ރޭވިފައިވާ ކަމަށާއި އަދި މިނޫނަސް ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ރަހުމަތްތެރި ގައުމުތަކާއެކު ފައިނޭންސް ހޯދުމުގެ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި މަސައްކަތްތައް މި ވަގުތަށް މަޑުޖައްސާލެވިފައި ވަނީ ދުނިޔޭގެ މާކެޓުތައް ރަނގަޅު ވަންދެން. މިގޮތުން ޖަޕާނާއެކު މިދިޔަ އަހަރުގެ ބަޖެޓުގެ ތެރެއިން މަސައްކަތްފެށި ސަމުރާއީ ބޮންޑު ފާހަގަކޮށްލަން،" އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ އެތެރޭގެ މާކެޓަށް ޓްރެޜަރީ ބިލާއި ބޮންޑު ވިއްކައިގެން ނެޓް ފައިނޭންސިން ގޮތުގައި 3.7 ބިލިއަން ރުފިޔާގެ ފައިސާ އިތުރަށް ހޯދުމަށް ރޭވިފައިވާ ކަމަށާއި އެއީ ކުރީ އަހަރުތަކުގެ ޑޮމެސްޓިކް މާކެޓުގެ ނެޓް ފައިނޭންސިން ގޮތުގައި ހޯދި އަދަދަށްވުރެ ކުޑަ އަދަދެއް ކަމަށް އަމީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައީސް އޮފީހަށް ފޮނުއްވާފައިވާ ސިޓީއެއް މިހާރު ވަނީ އާއްމުވެފައެވެ. އެ ސިޓީގައި 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމުގެ މަސައްކަތް އިސްލާމިކް ކޯޕަރޭޝަން ފޯ ދި ޑިވެލޮޕްމަންޓް އޮފް ޕްރައިވެޓް ސެކްޓަ (އައިސީޑީ) އާއެކު ކުރަމުންދާ ކަމަށް ބުނެފައެވެ.

އަދި އިސްލާމީ ޝަރީއާގެ ހަމަތަކުގެ މަތިން މި ސުކޫކު ވިއްކުމަށް 100 އިން ސައްތަ ސަރުކާރު ހިއްސާވާ ސްޕެޝަލް ޕާޕޮސް ވެސަލް އެއް ހެދުމަށްފަހު ސުކޫކުގެ 51 އިން ސައްތައަށްވުރެ މަތިން އަގުކުރެވޭ އެސެޓެއްގެ ބެނެފިޝަލް އޯނަޝިޕް މި އެސްވީޕީއަށް ޓްރާންސްފަ ކުރަންޖެހޭ ކަމަށް ބުނެފައިވެއެވެ.

އެގޮތުން މިކަމަށްޓަކައި މިވަގުތު ސަރުކާރުގެ ހުރި އެސެޓްތައް ބެލުމަށްފަހު މިކަމަށް އެންމެ އެކަށީގެންވާ އެސެޓަކީ ދަރުމަވަންތަ ހޮސްޕިޓަލް ކަމަށް ނިންމާފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

އަދި މި ސުކޫކު އިޝޫ ކުރުމަށް ބޭނުންކުރަންޖެހޭ އެސެޓަކީ މިނިސްޓްރީ އޮފް ފިނޭންސްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ އެސެޓަކަށްވާން ޖެހޭތީ ދަރުމަވަންތަ ހޮސްޕިޓަލް މިނިސްޓްރީ އޮފް ފިނޭންންސްގެ ނަން މައްޗަށް ރަޖިސްޓްރީ ކޮށްދެއްވުމަށް މާލޭ ސިޓީ ކައުންސިލަށް ދަންނަވައި ދެއްވުމަށް ފިނޭންސް މިނިސްޓަރުގެ ސިޓީގައި ވަނީ އެދިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *