އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ބަޖެޓަށްފަހު، ޖަވާބުދާރީވާން 30 މިނެޓު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލިސް ޖަލްސާއެއްގައި: ފޮޓޯ / މަޖިލިސް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ މަޖިލީހަށް އެޖެންޑާ ކުރާނީ އަންނަ އަހަރުގެ ބަޖެޓު ބަހުސް ނިމުމުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް އާއްމު ކޮމެޓީ އިން ދެ ގަޑިއިރު ކަނޑައަޅާފައިވާ ކަމަށެވެ. އަދި ތިން ބުރެއްގެ މަތިން ޖަވާބުދާރީވުމަށް އިމްރާނަށް ފުރުސަތު އެރުވިގެން ދާނެ ކަމަށާއި އެއިން ކޮންމެ ފަހަރެއްގައި ވެސް 10 މިނެޓުގެ ވަގުތު ކޮޅެއް މިނިސްޓަރު އިމްރާނަށް ލިބިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އިދިކޮޅުން މަޖިލީހަށް ވައްދާފައި މިވަނީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި އެހުންތެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިއަހަރު ޖޫން މަހު ހުޅުމާލެ ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ އާ ގުޅިގެން ދެއްކެވި ވާހަކަތަކުން ހޫނު ފެނަށް ވެއްޓިފައި ވަނިކޮށެވެ.

އިމްރާން ވިދާޅުވީ ސަފާރީގައި ހިނގި އަމަލަކީ އާންމު ޕަބްލިކް ތަނެއްގައިވެސް ހުރެފައި އަދި ބައެއްގެ ތެރޭގައި ހުރެފައިވެސް މީހަކަށް ކޮށްލެވިދާނެ ވަރުގެ ކަމެއް ކަމަށެވެ.

މީގެއިތުރުން ދެހާސް ފަނަރަވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އިމްރާން އޭރު އޭނާގެ އަތުގައި ރިލްވާންގެ މައްސަލަ އާއި އަދި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާ ގުޅޭ ގިނަ ހެކިތަކެއް އެބަހުރި ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅާއި ގުޅިގެން

މި މަހުގެ 21ވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި އޭރު ހުރި ކަމަށް ދެންނެވި ހެކިތައް 2015ވަނަ އަހަރު ބޭއްވި މޭޑޭ މުޒާހަރާގައި އޭނާ ހައްޔަރު ކުރުމަށްފަހު އޭރު ފުލުހުން އަތުލި ކަމަށެވެ.

"މޭޑޭގެ މައްސަލައިގައި ތިބޭފުޅުންގެ ސަރުކާރުން އަޅުގަނޑު ބަންދުކުރި އަދި ތިބޭފުޅުންގެ ސަރުކާރުން އަޅުގަނޑު އަތުގައި ހުރި ކަރުދާސްތައް ވަނީ ގެންގޮސްފައި. އެހެންވީމަ އޭރުގެ ފުލުހުންގެ ތެރެއިން އެގެންދިޔަ ބަޔަކު އަތުގައި އެއެއްޗެހި ވާންވާނެ. ދެން އަޅުގަނޑު އަނެއްކާ ވެސް ޖެހޭނީ ތަހުގީގެއް ފަށަން އޭރުގައި ކޮން ފުލުހުނެއް ތޯ އަޅުގަނޑު ހައްޔަރުކުރަން އައީ ކޮންބޭފުޅެއްތޯ އެ ގެންދިޔައީ." ސުވާލަށް ޖަވާބު ދެއްވާ އިމްރާން ވިދާޅުވިއެވެ.

ނަމަވެސް ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި އެހުންތެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވަނީ މޭޑޭ މުޒާހަރާގައި އެމަނިކުފާނު ގެންގުޅުނީ އަސްލު ހެކިތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *