ޕީއެސްއެމް އިން ހަދާ ނުނިމޭ އިމާރާތަކަށް ކުލި ދެއްކި މައްސަލަ ތިންވަނަ ފަހަރަށް ޕީޖީއަށް

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޓީވީ އިމާރާތް--

ދައުލަތުގެ މީޑިއާ ކުންފުނި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓު ހުޅުވުމަށް ހަދާ ނުނިމޭ އިމާރާތެއްގެ ދެ ބުރި ކުއްޔަށް ނަގައިގެން އެ ކުންފުނިން ފައިސާ ދައްކަމުން ދިޔަ މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި އަނެއްކާވެސް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

މިއީ މި މައްސަލަ ޕީޖީ އޮފީހަށް ފޮނުވާތާ ތިންވަނަ ފަހަރެވެ. މި މައްސަލަ ޕީޖީ އަށް ފޮނުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންނެވެ. އެ ކޮމިޝަނުން އެ މައްސަލަ ޕީޖީ އަށް ފޮނުވާ މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ ނުވެސް ހަދާ އިމާރާތަކަށް 2015ވަނަ އަހަރުގެ ޑިސެމްބަރު މަހާއި 2016ވަނަ އަހަރުގެ ޖެނުއަރީ މަހު ކުލީގެ ގޮތުގައި އެއްލައްކަ އެގާރަ ހާސް ރުފިޔާ ދައްކައިފައިވާ ކަމަށެވެ. އަދި 2016ވަނަ އަހަރުގެ ފެބްރުއަރީ މަހުން އެ އަހަރުގެ ޖޫން މަހުގެ ނިޔަލަށް 74،000 ރުފިޔާ ކުލީގެ ގޮތުގައި ދައްކާފައިވާ ކަމަށެވެ.

ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަތަން އެ ކުންފުންޏާއި ހަވާލުކުރީ މަސައްކަތް އެއްކޮށް ނިންމާފައިވާ ކަމަށް ބުނި ނަމަވެސް އެ މައްސަލަ ޕީއެސްއެމް އިން އެއްވެސް ފަރާތަކަށް ހުށަހަޅާފައި ނުވާ ކަމަށް އޭސީސީ އިން ބުންޏެވެ. އަދި އެ އިމާރާތް ހުރީ އެއްކޮށް ނިންމާފައި ކަމަށް ޕީއެސްއެމްގެ ޕްރޮކިއުމަންޓް ޑިޕާޓްމެންޓްގެ ކުރީގެ ޑިރެކްޓަރު، މުހައްމަދު ހާޝިމް ސޮއިކޮށް މެމޯ ފޮނުވާފައިވާ ކަމަށް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ހާޝިމްގެ މައްޗަށް އޭސީސީ އިން ދައުވާ ކުރީ މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާއި ތިމާއަށް ނުވަތަ ހައްގު ނޫން އެހެން ބަޔަކަށް ފައިދާއެއް ހޯދުމުގެ މަގްސަދުގައި އެކަން ކުރި ކަމުގެ ދައުވާއެވެ.

މި މައްސަލާގައި ހާޝިމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް 2017ވަނަ އަހަރުވެސް އޭސީސީ އިން ޕީޖީ އަށް ފޮނުވިއެވެ. ނަމަވެސް އޭރު ޕީޖީ އިން މައްސަލަ އަނބުރާ ފޮނުވާލީ ތަހުގީގު ފުރިހަމަ ކުރުމަށް ކަމަށް ބުނެއެވެ. ދެވަނަ ފަހަރަށްވެސް އޭސީސީ އިން ފޮނުވުމުން ޕީޖީ އިން އެ މައްސަލަ އަނބުރާ ފޮނުވާލިއެވެ.

މިހާރުގެ ޕީއެސްއެމްގެ މެނޭޖުމަންޓުން ވެސް ވަނީ ޕީއެސްއެމްގެ ކުރީގެ މެނޭޖުމަންޓާއި ގުޅޭ ގިނަ މައްސަލަތަކެއް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *