ބަޖެޓުގައި ހުރީ ހާލަތާއި ނުބައްދަލު މަޝްރޫއުތަކެއް: ގަވަރުނަރު

ގަވަރުނަރު އަލީ ހާޝިމް --

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 34.78 ބިލިއަން ރުފިޔާގެ ބަޖެޓުގައި ހުރީ ރާއްޖޭގެ އިގްތިސޯދީ ހާލަތާއި ނުބައްދަލު މަޝްރޫއުތަކެއް ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.

ބަޖެޓު ދިރާސާ ކުރާ، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ވާހަކަދައްކަވަމުން ގަވަރުނަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައިވާ މަޝްރޫއުތަކަށް ފައިސާ ލިބޭނެ ގޮތެއް ނެތީސް އެ މަޝްރޫއުތައް ނުފެށުމަށް ސަރުކާރަށް އެންގުމަށް މަޖިލީހަށް އިލްތިމާސް ކުރައްވާ ކަމަށެވެ. ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގުތިސޯދު އަންނަ އަހަރުވެސް ރަނގަޅު ނުވެއްޖެ ނަމަ ސަރުކާރުގެ ކޭޝްފްލޯ މެނޭޖު ކުރަން ދަތިވެ މަޝްރޫއުތައް ނުހިންގޭނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

"ދެހާސް އެކާވީސް ވަނަ އަަހަރުވެސް ކޮވިޑް-19 ގެ ސަބަބުން އަންނަ އަހަރު ލަފާ ކުރާ މިންވަރަށް ދައުލަތަށް އާމްދަނީ ނުލިބިއްޖެ ނަމަ ސަރުކާރުގެ ކޭޝްފްލޯ މެނޭޖްމެންޓް ދަތިވެ، މަޝްރޫޢުތައް ނުހިންގުން އެކަށީގެންވޭ. ނަމަވެސް އަންނަ އަހަރުވެސް ދައުލަތުގެ ބަޖެޓުގައި ކަނޑައެޅިފައި ވަނީ ރާއްޖޭގެ އިގްތިސާދުގައި ނުބައްދަލު ބޮޑެތި މަޝްރޫޢުތައް." ހާޝިމް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް 34.78 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅީ މިދިޔަ ހޯމަ ދުވަހުއެވެ. ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ އަންނަ އަހަރަށް ދައުލަތުން ހުށަހަޅާ ބަޖެޓުގެ ޖުމްލަ އަދަދަކީ 34،787،720،151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ)އެވެ.

އަމީރު ވިދާޅުވީ އަންނަ އަހަރަކީ ވެސް އާމްދަނީގެ ގޮތުން ތަދު އަހަރެއް ކަމަށެވެ. އެގޮތުން އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިއަހަރު މަޖިލީހަށް ހުށަހަޅާ ފާސްކޮށްފައިވާ ބަޖެޓަށްވުރެ މިބަޖެޓު ކުޑަކޮށްފައިވާނެ ކަމަށާއި އަދި ބަޖެޓު ކުޑަ ކޮށްފައިވީ ނަމަވެސް އާމްދަނީ ދަށްވާ މިންވަރު ބޮޑުކަމުން، ބަޖެޓުގެ ޑެފިސިޓް ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަންނަ އަހަރުގެ ބަޖެޓު، ޑެފިސިޓް ވާނީ 15.5 ބިލިއަން ރުފިޔާއިން ކަމަށާއި އެއީ ޖީޑީޕީގެ ނިސްބަތުން 23.4 އިންސައްތަ ކަމަށް އަމީރު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *