ހުރިހާ ދަރިވަރުންނަށްވެސް ގުރުއާން ކިޔަވައިދިނުމަކީ އަމާޒެއް: އެޑިއުކޭޝަން

ސްކޫލު ދަރިވަރުންތަކެއް ގުރުއާން ކިޔަވަނީ -- ފޮޓޯ / އޭދަފުށީ ޓައިމްސް

ހުރިހާ ދަރިވަރުންނަށް ވެސް ކީރިތ ގުރުއާން ކިޔަވައި ދިނުމަކީ ސަރުކާރުގެ އަމާޒު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ގައުމީ އަ މަންހަޖު އެކުލަވާލެވި ތަންފީޒުކުރަން ފެށިގެން ދިއުމާއެކު ގްރޭޑް 1 އިން 10 އާއި ހަމައަށް މާއްދާއެއްގެ ގޮތުގައި ގުރުއާން ކިޔަވައިދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން 2019 ވަނަ އަހަރު ގައުމީ މަންހަޖުގެ ކީ ސްޓޭޖް ހަތަރެއް މުޅިން އަލަށް ތަންފީޒުކުރެވިގެން ދިއުމާއެކު މާއްދާއެއްގެ ގޮތުގައި ގުރުއާން ގްރޭޑް 9 ގައި ކިޔަވައިދޭން ފަށާފައިވާ ކަމަށެވެ. އަދި މިއަހަރު ގްރޭޑް 10 ގެ ދަރިވަރުންނަށް މާއްދާއެއްގެ ގޮތުގައި ގުރުއާން ކިޔަވައިދެމުންދާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެޑިއުކޭޝަނުން ބުނީ ކީރިތި ގުރުއާން ހުރިހާ ދަރިވަރުންނަށް ކިޔަވައިދިނުމަކީ މި މިނިސްޓްރީގެ އަމާޒެކެވެ. އަދި ކީރިތި ގުރުއާން އިހުތިޔާރީ މާއްދާއެއްގެ ގޮތުގައި ހެދުމަކީ މި މިނިސްޓްރީން އެއްވެސް އިރެއްގައި ވިސްނާފައިވާ ކަމެއް ނޫން ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރާނީ ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއިން ނިކުންނަ ކޮންމެ ދަރިވަރަކީ އިސްލާމީ އިސްލާމީ އަގީދާގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ތިބޭ، ހުލްގު ހެޔޮ ދަރިވަރަކަށް ހެދުމަށް ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހެން ބުނެފައިމިވަނީ މި އަހަރުން ފެށިގެން އެސްއެސްއީ އިމްތިހާނުގައި ގުރްއާނަކީ އިހްތިޔާރީ މާއްދާއެއް ކަމުގައި ކަނޑައެޅުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ބުނެ އެކަން ހުއްޓާލަން ގޮވާލާ ޕެޓިޝަނެއް ހަދަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.