ސުޕްރީމް ކޯޓުގެ އާ އިމާރާތެއް އެޅުމަށް އަންނަ އަހަރަށް ބަޖެޓުކޮށްފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ހިންގަމުން މިހާރު އަންނަ އިމާރާތް: ފޮޓޯ / މިހާރު

ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު ނުވަތަ ސުޕްރީމް ކޯޓު ހިންގުމަށް އާ އިމާރާތެއް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ކަނޑައަޅައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ 34.78 ބިލިއަން ރުފިޔާގެ ބަޖެޓުގައި ސުޕްރީމް ކޯޓުގެ އާ އިމާރާތް އެޅުމަށް ކަނޑައަޅާފައި ވަނީ 1.5 މިލިއަން ރުފިޔާއެވެ. ސުޕްރީމް ކޯޓުގެ އާ އިމާރާތެއް އަޅަން ނިންމާފައިވާ ކަމަކަށް މީގެކުރިން ޑިޕާޓުމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ހާމަކޮށްފައެއް ނުވެއެވެ.

މީގެއިތުރުން ސުޕްރީމް ކޯޓުގެ އާ އިމާރާތް އެޅުމަށް ނިންމާފައި ވަނީ ކޮން ތަނެއްގައި ކަމެއްވެސް ނޭނގެއެވެ. ނަމަވެސް 2022ވަނަ އަހަރަށް އެ އިމާރާތަށް 20 މިލިއަން ރުފިޔާ ދާނެ ކަމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ރަށްރަށުގެ ބައެއް މެޖިސްޓްރޭޓު ކޯޓުތަކުގެ އާ އިމާރާތް އެޅުމަށް ވެސް ބަޖެޓު ކޮށްފައިވެއެވެ. އެގޮތުން:

- ހއ. ބާރަށު މެޖިސްޓްރޭޓު ކޯޓުގެ އާ އިމާރާތް، 300،000 ރުފިޔާ

- ރ. އަނގޮޅަތީމު މެޖިސްޓްރޭޓު ކޯޓުގެ އާ އިމާރާތް، 300،000 ރުފިޔާ

- މ. ވޭވަށު މެޖިސްޓްރޭޓު ކޯޓުގެ އާ އިމާރާތް، 300،000 ރުފިޔާ

- ތ. ގުރައިދޫ މެޖިސްޓްރޭޓު ކޯޓުގެ އާ އިމާރާތް، 300،000 ރުފިޔާ

- ގދ. ވާދޫ މެޖިސްޓްރޭޓު ކޯޓުގެ އާ އިމާރާތް، 300،000 ރުފިޔާ

އަންނަ އަހަރުގެ ބަޖެޓުގައިވާ ގޮތުގައި ހަމައެކަނި ޑީޖޭއޭގެ ބަޖެޓުން 21 މިލިއަނަށްވުރެ ގިނަ ރުފިޔާ ކޯޓުތައް އިމާރާތް ކުރުމަށް ހަރަދު ކުރުމަށް ވަނީ ކަނޑައަޅައިފައެވެ.

ސުޕްރީމް ކޯޓުގެ އާ އިމާރާތެއް އެޅުމަށް އަންނަ އަހަރު ބަޖެޓުކުރިއިރު އެ ކޯޓު މިހާރު ހިންގަމުން އަންނަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ރިޔާސީ ގަނޑުވަރުގެ ގޮތުގައި ބޭނުން ކުރަމުން ގެންދިޔަ އިމާރާތުގައެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު ރިޔާސީ ގަނޑުވަރު ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގެ ގޮތުގައި ހަމަޖެއްސެވީ މުލީއާގެއެވެ. އަދި ސުޕްރީމް ކޯޓާއި ހައިކޯޓު އެ އިމާރާތަށް ބަދަލުކުރިއެވެ.

Leave a Reply

Your email address will not be published. Required fields are marked *