ބަޖެޓު 2021: ފަރުދުންގެ އާމްދަނީން ނަގާ ޓެކުހުން 95 މިލިއަން ލިބޭނެ ކަމަށް ލަފާކޮށްފި

މީރާގެ ހިދްމަތް ދިނުން/ފޮޓޯ- މީރާ

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 34.78 ބިލިއަން ރުފިޔާގެ ބަޖެޓުގައި އިންކަމް ޓެކުހުގެ ގޮތުގައި 95 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފިއެވެ.

އިންކަމް ޓެކްސް ނެގުމުގެ ގާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވީ 2019 ގެ ޑިސެމްބަރުގައެވެ. އިންކަމް ޓެކްސްގެ ގާނޫނުގެ ދަށުން މިއަހަރުގެ ޖެނުއަރީން ފެށިގެން ފަރުދުންގެ އާމްދަނީން (މުސާރަ/އުޖޫރަ ނޫން ގޮތްގޮތަށް ލިބޭ އާމްދަނީން) ޓެކްސް ނަގަން ވަނީ ފަށާފައެވެ.

ފަރުދުންގެ އާމްދަނީ ޓެކްސް ނަގަމުން އަންނަ ފަސް ބްރެކެޓަކީ: 

- 60،000 ރުފިޔާ އިން ދަށުގެ އާމްދަނީ - 0 ޕަސެންޓު

- 60،000 އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: 5.5 ޕަސެންޓު

- 100،00 އާއި 150،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: އަށް ޕަސެންޓު.

- 150،000 އާއި 200،000 ރުފިޔާއާ ދެމެދު އާމްދަނީ އިން 12 ޕަސެންޓު

- 200،000 ރުފިޔާ އިން މަތީގެ އާމްދަނީ އިން 15 ޕަސެންޓު

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓުގައި ލަފާ ކޮށްފައިވާ ގޮތުގައި ބިޒްނަސް އަދި ޕްރޮޕަޓީ ޓެކުހުގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު އޭގެތެރެއިން 95 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ ފަރުދުންގެ އާމްދަނީ އިން ނަގާ ޓެކުހުންނެވެ.

ޖީއެސްޓީގެ ގޮތުގައި ހަތަރު ބިލިއަން އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. ބަޖެޓުގައިވާ ގޮތުގައި ޓެކުހުގެ ގޮތުގައި ދައުލަތަށް 9 ބިލިއަނެއްހާ ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. ޓެކްސް ނޫން ގޮތް ގޮތުން ފަސް ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު ހިލޭ އެހީގެ ގޮތުގައި ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ އަންނަ އަހަރަކީ ވެސް އާމްދަނީގެ ގޮތުން ތަދު އަހަރެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިއަހަރު މަޖިލީހަށް ހުށަހަޅާ ފާސްކޮށްފައިވާ ބަޖެޓަށްވުރެ މިބަޖެޓު ކުޑަކޮށްފައިވާނެ ކަމަށާއި އަދި ބަޖެޓު ކުޑަ ކޮށްފައިވީ ނަމަވެސް އާމްދަނީ ދަށްވާ މިންވަރު ބޮޑުކަމުން، ބަޖެޓުގެ ޑެފިސިޓް ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަންނަ އަހަރުގެ ބަޖެޓު، ޑެފިސިޓް ވާނީ 15.5 ބިލިއަން ރުފިޔާއިން ކަމަށާއި އެއީ ޖީޑީޕީގެ ނިސްބަތުން 23.4 އިންސައްތަ ކަމަށް އަމީރު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *