ބަޖެޓު ކޮމެޓީގެ މަސައްކަތް ބުރާސްފަތި ދުވަހަށް ނިންމަން ފާސްކޮށްފި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ބަޖެޓު ކޮމެޓީ: ފޮޓޯ / މަޖިލިސް

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 34.78 ބިލިއަން ރުފިޔާގެ ބަޖެޓު ދިރާސާ ކުރަމުން އަންނަ ބަޖެޓު ކޮމެޓީގެ މަސައްކަތް ނިންމާ އެ ކޮމެޓީގެ ރިޕޯޓު އަންނަ ހަފްތާގެ ބުރާސްފަތި ދުވަހަށް ނިންމުމަށް ފާސްކޮށްފިއެވެ.

މިގޮތަށް ހުށަހެޅީ ކޮމެޓީގެ މެންބަރު، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ. އޭނާގެ ހުށަހެޅުން ފާސްވީ ކޮމެޓީގެ މެންބަރުންގެ އިއްތިފާގުންނެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މަޖިލީހަށް މިދިޔަ ހޯމަ ދުވަހު ހުށަހެޅީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ.

އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރަށް ދައުލަތުން ހުށަހަޅާ ބަޖެޓުގެ ޖުމްލަ އަދަދަކީ 34،787،720،151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ)އެވެ.

އަމީރު ވިދާޅުވީ އަންނަ އަހަރަކީ ވެސް އާމްދަނީގެ ގޮތުން ތަދު އަހަރެއް ކަމަށެވެ. އެގޮތުން އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިއަހަރު މަޖިލީހަށް ހުށަހަޅާ ފާސްކޮށްފައިވާ ބަޖެޓަށްވުރެ މިބަޖެޓު ކުޑަކޮށްފައިވާނެ ކަމަށާއި އަދި ބަޖެޓު ކުޑަ ކޮށްފައިވީ ނަމަވެސް އާމްދަނީ ދަށްވާ މިންވަރު ބޮޑުކަމުން، ބަޖެޓުގެ ޑެފިސިޓް ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަންނަ އަހަރުގެ ބަޖެޓު، ޑެފިސިޓް ވާނީ 15.5 ބިލިއަން ރުފިޔާއިން ކަމަށާއި އެއީ ޖީޑީޕީގެ ނިސްބަތުން 23.4 އިންސައްތަ ކަމަށް އަމީރު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *