ބަޖެޓު 2021: ލޯނު ދެއްކުމަށް 1،469.9 މިލިއަން ރުފިޔާ

ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް: ފޮޓޯ / ސަން

ސަރުކާރުން ތަފާތު އެކި ކަންކަމަށް ނަގާފައިވާ ލޯނުތައް ދެއްކުމަށް އަންނަ އަހަރުގެ ބަޖެޓުގައި 1،469.9 މިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ.

އަންނަ އަހަރު ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ 34.78 ބިލިއަން ރުފިޔާ ބަޖެޓެކެވެ. އަންނަ އަހަރުގެ ބަޖެޓުގައި ލޯނު ދެއްކުމަށް ކަނޑައަޅާފައިވާ މިންވަރަކީ ޖުމްލަ ބަޖެޓުގެ 4.2 ޕަސެންޓެވެ. އަދި މިއީ މި އަހަރުގެ ނިޔަލަށް މި ބަޔަށް ހިނގާނެކަމަށް ލަފާކުރެވޭ މިންވަރަށްވުރެ 29.1 ޕަސެންޓު އިތުރު އަދެދެކެވެ.

ފިނޭންސް މިނިސްޓްރީ އިން ބުނީ މީގެ ތެރޭގައި ބޭރުގެ އެކި ފަރާތްތަކުން ނަގައިފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް 984.6 މިލިއަން ރުފިޔާ އަދި އެތެރޭގެ ފަރާތްތަކުން ނަގައިފައިވާ 485.3 މިލިއަން ރުފިޔާ ހިމަނައިފައިވާނެ ކަމަށެވެ. ލޯނު އަނބުރާ ދެއްކުމުގެ ހަރަދުގައި ޑީއެސްއެސްއައިގެ ދަށުން 2021 ވަނަ އަހަރު 6 މަސްދުވަހުގެ މޮރެޓޯރިއަމްއެއް ޖީ20 އޮފިޝަލް ކްރެޑިޓާސްގެ ފަރާތުން ލިބޭނެ ކަމަށް ފިނޭންސް އިން ވަނީ އަންދާޒާ ކޮށްފައެވެ.

އަންނަ އަހަރާ އަޅައިބަލާއިރު 2022 ގައި ލޯނު އަނބުރާ ދެއްކުމަށް އަންދާޒާ ކޮށްފައިވާ އަދަދު 332.5 ޕަސެންޓަށް އިތުރުވާނެ ކަމަށް އަންދާޒާކޮށްފައިވާއިރު މިދިޔަ 2017 ވަނަ އަހަރު ރާއްޖެއިން އިޝޫކޮށްފައިވާ 250 މިލިއަން އެމެރިކާ ޑޮލަރުގެ ސޮވްރިން ބޮންޑު 2022 ގައި މެޗުއާވާނެތީ، އެ އަދަދު އަނބުރާ ދެއްކުމަށް 2022 ގެ އަންދާޒާގައި ފިނޭންސް އިން ވަނީ ހިމަނާފައެވެ.

އަންނަ އަހަރަކީ ވެސް އާމްދަނީގެ ގޮތުން ތަދު އަހަރެއް ކަމަށް މިނިސްޓަރު އަމީރު ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން ވިދާޅުވިއެވެ. އެގޮތުން އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިއަހަރު މަޖިލީހަށް ހުށަހަޅާ ފާސްކޮށްފައިވާ ބަޖެޓަށްވުރެ މިބަޖެޓު ކުޑަކޮށްފައިވާނެ ކަމަށާއި އަދި ބަޖެޓު ކުޑަ ކޮށްފައިވީ ނަމަވެސް އާމްދަނީ ދަށްވާ މިންވަރު ބޮޑުކަމުން، ބަޖެޓުގެ ޑެފިސިޓް ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަންނަ އަހަރުގެ ބަޖެޓު، ޑެފިސިޓް ވާނީ 15.5 ބިލިއަން ރުފިޔާއިން ކަމަށާއި އެއީ ޖީޑީޕީގެ ނިސްބަތުން 23.4 އިންސައްތަ ކަމަށް އަމީރު ވިދާޅުވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *