ތަރައްގީވަމުން އަންނަ ގައުމުތަކަށް މާލީ އެހީތެރިކަން ދިނުމަށް ޝާހިދު ގޮވާލައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު -- ފޮޓޯ / ފޮރިން މިނިސްޓްރީ

ކޮވިޑް19 އާއި ގުޅިގެން ގައުމުތަކަށް ދިމާވި ދަތި އުނދަގޫތަކުން އަރައިގަތުމަށްޓަކައި ތަރައްގީވަމުން އަންނަ ގައުމުތަކަށް މާލީ އެހީތެރިކަން ދިނުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައިފިއެވެ.

"ޖީ77 އެންޑް ޗައިނާ"ގެ ހާރިޖީ ވަޒީރުންގެ 44 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ ކޮވިޑް19 ގެ ބަލިމަޑުގައި މަލްޓިލޭޓަރިޒަމްގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. އަދި "ސަޕްލައި އެންޑް ޑިމާންޑް" އަށް ކުރި ނޭދެވޭ އަސަރުގެ ސަބަބުން ތަރައްގީވެފައިވާ އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިގުތިސާދަށް މިހާރަށްވުރެ ބޮޑު އަސަރެއް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް19 ގެ ސަބަބުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސޯދަށް ކުރާ އަސަރު އިންތިހާއަށް ބޮޑުވާނެކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ. ޝާހިދު ވަނީ ޖީ20 ގެ ގައުމުތަކުން އިސްނަގައިގެން ފެށި "ޑެޓް ސާވިސް ސަސްޕެންޝަން އިނީޝީއޭޓިވް" އަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ދަރަނި ދެއްކުން 2021 ވަނަ އަހަރަށް ލަސްކުރުމަށް ޖީ20 ގެ ގައުމުތަކަށް ގޮވާލުމަށް ޖީ77 ގެ ގައުމުތަކަށް މިނިސްޓަރު ޝާހިދު ގޮވާލެއްވިއެވެ.

ކޮވިޑުގެ ސަބަބުން ދިމާވާ އިތުރު މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އެކި ގައުމުތަކުގައި ފުރަބަންދުތަކުގެ ސަބަބުން އަނިޔާގެ ރިޕޯޓުތައް އިތުރުވިކަން ފާހަގަކުރައްވައި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި މިންތީގެ ހަމަހަމަކަމުގެ މުހިއްމުކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީތެރިވުމަށް ހެލްޕްލައިންތަކާއި ހިޔާތަކުގެ އިތުރުން އެމެޖެންސީ ފަންޑުތަކުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އިސްކަމެއްދޭ ކަމަށާއި ހަމައެއާއެކު 2030 އެޖެންޑާ ހާސިލުކުރުމަށް ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ޒުވާނުންގެ ޕްރޮޖެކްޓްތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކޮށް، ސިޔާސަތު ކަނޑައެޅުމުގައި ޒުވާނުންގެ ދައުރު އިތުރުކުރުން މުހިއްމު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *