ފުލުހުންނަށް ވެގެން ފޭރުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ޖިނާއީ ކުށެއްކޮށްފައިވާ ސަރަހައްދެއް ބަންދު ކުރުމުގެ ގޮތުން ކޯޑަންކޮށްފައި

ފުލުހުންނަށް ވެގެން މާލޭގައި ބަޔަކު މީހުން ފޭރުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މަހުގެ 11ވަނަ ދުވަހު ފުލުހުން ބުނީ އެ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މާލޭ މަޖީދީމަގު، ފަރިވާ ސްޓޭ އަށް ތިން މީހަކު ވަދެ ޕޮލިސް އިންޓެލިޖެންސުން ކަމަށް ބުނެ އެ ތަނުގެ ތިން މުވައްޒަފުން ކްލިޕް އަޅުވައި ބަނުމަށްފަހު އެތަނުން ބައެއް ތަކެތި ފޭރިގެން ގޮސްފައިވާ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.

އެ މައްސަލަ އާއި ގުޅިގެން ފަހުގެ މައުލޫމާތު ހޯދާލުމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކަށް "ހަތާވީސް" އިން ގުޅާލުމުން ވިދާޅުވީ އެ މައްސަލަ އާއި ގުޅިގެން އިއްޔެ ހެނދުނު ކޯޓު އަމުރެއްގެ ދަށުން 42 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީ އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިޔަށް ގެންދިއުމަށް 15 ދުވަސް ޖަހައިދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މައްސަަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *