އެޗްޑީސީގެ ރޭޓިންގް ވެސް ފިޗުން ދަށްކޮށްފި

އެޗްޑީސީގެ އިމާރާތް --

ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ރޭޓިން ފިޗުން ދަށްކޮށްފިއެވެ.

މީގެކުރިން އެޗްޑީސީ އަށް ދީފައި ވަނީ "ބީ ޕްލަސް" ގެ ރޭޓިންއެކެވެ. އެއީ މިދިޔަ އަހަރުއެވެ. އޭގެފަހުން އެ ރޭޓިން "ބީ" އަށް ދަށްކުރިއެވެ. އެޗްޑީސީސީގެ ރޭޓިން ފިޗުން ވަނީ "ސީސީސީ" އަށް ދަށްކޮށްފައެވެ.

ފިޗުން ބުނީ އެޗްޑީސީ އަކީ ސަރުކާރުގެ މާލީ އެހީތެރިކަން ލިބޭ ކުންފުންޏެއް ކަމަށެވެ. އަދި ފިޗުން ރާއްޖެ އަށް ދީފައިވާ ކްރެޑިޓް ރޭޓިން ދަށްކޮށްފައި ވާތީ އެޗްޑީސީގެ ރޭޓިން ވެސް ދަށްކުރީ ކަމަށް ފިޗުން ބުންޏެވެ. ސަރުކާރަށް ފައިސާ ހޯދުމުގައި ކުރިމަތިވަމުންދާ ދަތިތަކުގެ ސަބަބުން އެޗްޑީސީއަށް ފައިނޭންސިން ހޯދުމުގައި ވެސް ދަތިތަކާ ކުރިމަތިވެދާނެ ކަމަށް ފިޗުން ބުނެއެވެ.

ފިޗް ރޭޓިންގްސް އިން ރާއްޖެއަށް ދިން ބީ ރޭޓިން ދަށްކުރި ސަބަބު ބަޔާންކޮށް އެ އެޖެންސީ އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ފަތުރުވެރިކަން 2021 ވަނަ އަހަރު ކޮންމެވެސް ވަރަކަށް ކުރިއެރި ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ ހާލަތުން އަރައިގަނެ ކުރީގެ ހާލަތައް ރުޖޫއަ ވެވޭނީ 2022 ވަނަ އަހަރު ކަމަށެވެ.

ފިޗް އިން ބުނީ ރާއްޖެ އަށް ބޭރު ފައިސާ ލިބޭ މިންވަރު މަދުވެފައިވާ ކަމަށެވެ. ފިޗުން ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން މާލީ އެހީ ހޯދުމުގައި ކާމިޔާބު ތަކެއް ހޯދާފައިވީ ނަމަވެސް ޑޮލަރު ލިބުމުގައި ރާއްޖެއަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެ ސޮވެރިން ޑިފޯލްޓަކަށް ނުދާ ކަމަށާ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ބޯޑަރު ހުޅުވި ފަހުން ރަނގަޅުވަމުން އަންނަ ކަމަށްވެސް ފިނޭންސްގެ ބަޔާނުގައި ބުނެފައިވެއެވެ.

ފިޗް އިން ރާއްޖެ އަށް ފުރަތަމަ ކުރެޑިޓް ރޭޓިން ދިނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ފިޗުން ރާއްޖެ އަށް ފުރަތަމަ ދިނީ "ބީ ޕްލަސް" ރޭޓިން އެކެވެ.

Leave a Reply

Your email address will not be published. Required fields are marked *