ހަނގުރާމަކުރަން ނިކުންނަ ކޮންމެ މީހަކީ ﷲގެ ރުއްސެވުން ލިބޭނެ މީހެއް ނޫން: ހުތުބާ

އިސްލާމީ މަރުކަޒުގައި ކުރެވިގެން ދިޔަ ހުކުރު ނަމާދެއްގެ ތެރެއިން: ފޮޓޯ / އިސްލާމިކް މިނިސްޓްރީ

ހަނގުރާމަ ކުރުމަށް ނިކުންނަ ކޮންމެ މީހަކީ ﷲގެ ރުއްސެވުމާއި ފުއްސެވުން ލިބިގެންވާ މީހެއް ނޫން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"ނަސްރު ލިބޭނީ ﷲގެ ދީނަށް ނަސްރު ދީގެން" މި މައުޟޫގެ ދަށުން މިއަދު އިއްވި ހުކުރު ހުތުބާގައި ބުނީ ހަނގުރާމަ ކުރުމަށް ނިކުންނަން ޖެހޭނީ ކޮމާންޑަރުގެ އަމުރުވެރިކަމުގެ ދަށުން އެއް ޖަމާއަތެއްގެ ގޮތުގައި ކަމަށެވެ. އިސްލާމީ ޝަރީއަތާއި ހިލާފުވާ ފަދަ އެއްވެސް ގޮތަކަށް ހަނގުރާމަ އަށް ނުނިކުމެވޭނެ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ. ހުތުބާގައި ބުނީ ހާކިމާގެ އިޒްނައާ ނުލާ ހަނގުރާމަ އަށް ނުނިކުމެވޭނެ ކަމަށެވެ.

"އިސްލާމީ އުއްމަތާއި ކުރިމަތިވެފައިވާ ބޮޑެތި ފިތުނަތައް އުފެދިފައި ވަނީ މިފަދަ އަމަލުތަކުގެ ސަބަބުންނެވެ. މުސްލިމުން މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމާއި މުސްލިމުންގެ އެއްބަޔަކު އަނެއްބަޔަކާއި ދެކޮޅަށް ދުޝްމިނުންނަށް ވާގިވެރިވުމުގެ ސަބަބުންނެވެ. މާތްﷲ އަންގަވަނީ މުސްލިމުން އަބަދުވެސް އެއް އުއްމަތެއްގެ ގޮތުގައި ތިބުމަށާއި ބައިބައިވެގެން ނުދިއުމަށެވެ،" ހުތުބާގައިވެއެވެ.

ުހުތުބާގައި ބުނީ ކާމިޔާބާއި ނަސްރު ލިބިގެން ދާނީ އީމާންކަމާއި އެއްބައިވަންތަކަމުގެ ތެރެއިން ކަމަށެވެ. ހުތުބާގައި ބުނީ ނަސްރާއި ކާމިޔާބީ އަކީ މާތްﷲ އަށް ތެދުވެރިވެ އިހްލާސްތެރި މުއިމިންތަކުންނަށް ﷲ ދެއްވާ ނިއުމަތެއް ކަމަށެވެ. މުސްލިމުންނަށް ނަސްރު ނުލިބި ނާކާމިޔާބު ލިބިފައި ވަނީ ﷲގެ ދީން ދޫކޮށްލުމުން ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

މުޖުތަމައުއެއްގެ ހަރުދަނާ ކަމާއި އާރާއި ބާރު ދެމިގެން އަންނާނީ އެ މުޖުތަމައުއެއްގެ ދަރިންގެ މެދުގައި އޮންނަ ގުޅުމުގެ ތެރެއިން ކަމަށް ހުތުބާގައިވެއެވެ. އެގުޅުން ހަގީގީ ގުޅުމަކަށް ވާނީ އެމީހުން ހިއްސާވާ ލަނޑުދަނޑިތަކުން ކަމަށްވެސް ހުތުބާގައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *