ކަރަންޓީން ކުރެވޭ ސީއެސްސީގެ މުވައްޒަފުންނަށް ހާއްސަ ޗުއްޓީއެއް

ސިވިލް ސާވިސް މުވައްޒަފުންގެ ތަމްރީންގެ ތެރެއިން-

ކޮރޯނާ ވައިރަހާ ގުޅިގެން ކަރަންޓީނު ކުރެވޭ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހާއްސަ ޗުއްޓީއެއް ދިނުމަށް ސިވިލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ދުނިޔޭގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި ވައިރަހެއް ކަމަށްވާ ކޮރޯނާވައިރަސް ރޯގާއާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އަޅުމުން ގެންދާ ފިޔަވަޅެއްގެ ގޮތުގައި އެ ރޯގާއަށް ޝައްކުކުރެވޭ މީހުން ކަރަންޓީނު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެ ރޯގާއާ ގުޅިގެން ކަރަންޓީނު ކުރެވޭ ސިވިލް ސާވިސްގެ މުވައްޒަފުން، ކަރަންޓީނު ކުރެވިފައި ހުންނަ މުއްދަތުގައި އޮފީހަށް ހާޒިރުނުވެވޭނެތީ، އެ ދުވަސްތަކަށް ހާއްސަ ޗުއްޓީއެއް ހަމަޖައްސައި ދިނުމަށް ނިންމާފައިވާ ކަމަށް ސިވިލް ސާވިސްއިން ބުންޏެވެ. އަދި ކަރަންޓީނު ކުރެވޭ މުވައްޒަފުން އެ މުއްދަތަށް ޗުއްޓީގެ ކަންތައްތައް އެ މުވައްޒަފަކު މަސައްކަތްކުރާ އިދާރާއަކުން ހަމަޖައްސައިދިނުމަށް ދަންނަވާ ކަމަށްވެސް ސިވިލް ސާވިސް ކޮމިޝަނުން ބުންޏެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ސަރުކާރުން އަންނަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މިއަދު ވަނީ ޗައިނާ “މެއިން ލޭންޑުން” އަންނަ އެއްވެސް މީހަކު ރާއްޖެ އެތެރެ ނުކުރުމަށް ނިންމާފައެވެ. އަދި ހަމައެއާއެކު ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ ބޭފުޅުންނަށް ހާއްސަކޮށްފައިވާ އާރަށްވެސް ވަނީ ހަމަޖައްސާފައެވެ. އަދި ހުޅުމާލެ ކައިރީގައި އޮންނަ ފަރުކޮޅުފުށި ވެސް ވަނީ ކޮރޯނާ އަށް ޝައްކު ކުރެވޭ މީހުންނަށް ކްލިނިކަލް ފަރުވާ ދިނުމަށް ހާއްސަ ކުރުމަށް ނިންމާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.