ބޯޑަރު ހުޅުވިފަހުން ބައިލައްކަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ

ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް މަތިންދާ ބޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފައިބަނީ: ފޮޓޯ / އެމްއޭސީއެލް

ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން ބައިލައްކަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެ އަށް 51،354 ފަތުވެރިން ވަނީ އައިސްފައެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް 434،201 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ތަފާސް ހިސާބުން ދައްކަނީ މިދިޔަ މަސް ތެރޭގައެވެ.

އެގޮތުން މިދިޔަ މަހު ރާއްޖެ އަށް ވަނީ 21،515 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ޖުލައިމަހު ރާއްޖެ އަށް 1752 ފަތުރުވެރިން އައިސްފައިވާއިރު އޮގަސްޓްމަހު 7628 ފަތުރުވެރިން ރާއްޖެ އަށް ވަނީ އައިސްފައެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން އެއް ގައުމަކުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ ރަޝިޔާ އިންނެވެ. އެއީ 11،240 ފަތުރުވެރިން ކަމަށް ޓޫރިޒަމްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކުރީ މިދިޔަ މާޗު މަސް ތެރޭގައެވެ. އޭގެފަހުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލީ މިދިޔަ ޖުލައި މަހުގެ 15ވަނަ ދުވަހުއެވެ. ބޯޑަރު ހުޅުވާލި ފަހުން ރާއްޖޭގެ ފަތުރުވެރިކަން މަޑު މަޑުން އަންނަނީ ރަނގަޅުވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *