ކޮވިޑަށްވުރެ މޫސުމީ ބަދަލުތަކުގެ ބިރު ބޮޑު: ރައީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

ކޮވިޑް19 ގެ ބިރަށްވުރެ މޫސުމީ ބަދަލުތަކުގެ ބިރު ބޮޑު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ތިން ވަނަ ޕެރިސް ޕީސް ފޯރަމް އިފްތިތާހުކުރުމުގެ ގޮތުން އޮންލައިންކޮށް ބޭއްވި ހާއްސަ ހަފުލާގައި ތަގުރީރު ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ މިއީ ކުދި ޖަޒީރާ ގައުމުތަކުގެ ހާލަތާ މެދު ބައިނަލްއަގުވާމީ މުޖުތަމައު އިން އިތުރަށް ވިސްނަން ޖެހިފައިވާ ދަނޑިވަޅެއް ކަމަށެވެ.

ކޮވިޑް19 ގެ ހާލަތުން ކުރިއަށް އޮތް އަހަރެއް ނުވަތަ ދެ އަހަރުގެ ތެރޭގައި މިންޖުވެވުނު ނަމަވެސް, މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެ ގައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތެރިކަމުގެ މަތިން ހަނދުމަ ނައްތައިލެވެން ނެތް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި, އެއީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ކޮވިޑް19 އަށްވުރެ ވެސް ނުރައްކާތެރި ބިރުވެރިކަމެއްގެ ގޮތުގައި ސިފަކުރެެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި މުހިއްމު ދެކަމެއްގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެއީ ދުނިޔެއަށް ކުރިމަތިވާ މިފަދަ އެކިއެކި ކާރިސާތަކަކީ ގައުމުތަކުގެ ބޯޑަރުތަކަށް އިހުތިރާމުކުރާ, ނުވަތަ ވަކި ގައުމަކާމެދު ތަފާކުރާ ކާރިސާތަކެއް ނޫންކަމާއި ދުނިޔޭގެ ހުރިހާ ޤައުމަކާއި ހުރިހާ ރައްޔިތުން އެކުގައި އަތުގުޅުވައިލައިގެން މެނުވީ މިފަދަ ކާރިސާތަކުން ސަލާމަތް ނުވެވޭނެ ކަމެވެ. މުޅި ދުނިޔޭގެ ކުރިމަގު ރައްކާތެރިކޮށް, ކުރިއަށް ޖީލުތަކަށް ފޯރުކޮށްދެވޭނީ މި ގޮތުގައި މަސައްކަތްކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮވިޑް19ގެ ބަލިމަޑުކަމާއެކު ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ހާލަތާއި އެ ގައުމުތަކުގެ ކުރިމަގަށް އޮތް ހުރަސްތައް ވަޒަންވެގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން, ދިވެހި ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖޭގެ ބޯޑަރުތައް ފަތުރުވެރިންނަށް ބަންދުކުރަން ޖެހުނު ކަމަށް ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *