ޕާކިން ޒޯނުގައި ނުރައްކާތެރި އެއްޗެއް ނެތްކަން ކަށަވަރު ކުރެވިއްޖެ: ފުލުހުން

ފުލުހުންގެ ދިދަ --

ނުރައްކާތެރި އެއްޗެއް އޮތް ކަމަށް ބުނެ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ރޭ އެމްޑަބްލިއުއެސްސީ ކައިރީގައި ހުންނަ ޕާކިން ޒޯނު ސަރަހައްދުގައި ފުލުހުންނާއި ސިފައިންގެ ބޮމްބް ސްކޮޑު ހަރަކާތްތެރިވެއްޖެއެވެ.

ނަމަވެސް ފުލުހުން ބުނީ އެ ސަރަހައްދުގައި ނުރައްކާތެރި އެއްޗެއް ނެތްކަން މިހާރު ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ނުރައްކާތެރި އެއްޗެއް އޮތް ކަމަށް ބުނެ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ރޭ އެމްޑަބްލިއުއެސްސީ ކައިރީގައި ހުންނަ ޕާކިން ޒޯނު ސަރަހައްދުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވިއިރު ރާއްޖޭގައި ޓެރެރިޒަމްގެ އަމަލެއް ހިންގަން އުޅުނު ބަޔަކު ހުއްޓުވާ އެކަމުގައި އުޅުނު 6މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ރޭ ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުން ދިޔަ މިއަމަލު ހުއްޓުވައި ހާއްސަ އޮޕަރޭޝަނެއް ފަށައިގެން ކުރިޔަށް ގެންދާކަމަށެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ފުލުހުން ހަރަކާތްތެރިވަމުން ދަނީ މާލެ އާއި، މާލެ އަތޮޅު ކަނޑުމަތީ ސަރަހައްދުގައާއި އަދި ތ. ތިމަރަފުށީގައި ކަމަށެވެ. މި މައްސަލައާއި ގުޅިގެން މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ މައްސަލާގައި އިއްޔެ ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހެއްގެ އިތުރުން 18 އަހަރުގެ މީހެއް އަދި 34 އަހަރުގެ މީހެއް ކަމަށެވެ. އެ އެންމެންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ އާއި ގުޅިގެން ރޭ ތ. ތިމަރަފުށިން ވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައެވެ. އެމީހާއާއެކު 6މީހުން މި މައްސަލާގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *