ބްރިޖު މަޝްރޫއުއަށް އިންޑިއާ އިން ދޭ 100 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ބްރިޖު މަޝްރޫއުގެ އެހީގެ އެއްބަސްވުމުގައި ސޮއި ކުރަނީ --

މާލެއާއި ތިލަފުށި ބްރިޖަކުން ގުޅުވާލަން ކުރިއަށްގެންދާ މަޝްރޫއު އަށް އަވަށްޓެރި އިންޑިއާ އިން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އެމްއޯޔޫ ގައި ސޮއިކޮށްފިއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ހާރްޝް ވަރްދާން ޝްރިންގްލާ ވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ.

6.695 ކިލޯ މީޓަރުގެ ބްރިޖްތަކާ ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫޢު ވެގެން ދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫއަށް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެގޮތުން މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ ތިން ބްރިޖް އެ މަޝްރޫއުގެ ތެރެއިން ހެދުމަށް ހަމަޖެހިފައިވާ ކަމަށާއި "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިގިނލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމުން ރާއްޖޭގެ އިގްތިސޯދަށް އޭގެ ގިނަ ފައިދާތަކެއް ލިބި، ވިޔަފާރިތަކަށާއި އާއްމު ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މާލެ އާއި ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ބުރިޖުން ގުޅާލުމުން ދަތުރުފަތުރު ފަސޭހަވެ، އިގްތިސާދީ ގޮތުން ފައިދާ ކުރާނެ ކަމަށާއި މިހާރު މާލޭގައި ހުރި ގުދަންތައް، އިންޑަސްޓްރިއަލް ސަރަހައްދަށް ބަދަލުކޮށް، މުދާ އުފުލުމުގައިވެސް ފަސޭހަތައް ލިބޭނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *