އަންނަ އަހަރުގެ ބަޖެޓުގައި ކޮވިޑް ވެކްސިން ގަންނަން ވާނީ ހިމަނާފައި: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު: ބަޖެޓް ކުޑަކުރަން ހުށަހެޅުއްވީ/ ފޮޓޯ- ހަތާވީސް

އަންނަ އަހަރުގެ ބަޖެޓުގައި ކޮވިޑް ވެކްސިން ގަންނަން ވާނީ ހިމަނާފައިކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި އަންނަ އަހަރުގެ ބަޖެޓުގެ ބަޔާން މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި އެންމެ އިސްކަމެއް ދީފައިވަނީ ސިއްހީ ދާއިރާއަށް ކަމަށާޢި، އެގޮތުން އެ ދާއިރާއަށް ވާނީ 4 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައި ކަމަށެވެ.

"2021 ވަނަ އަހަރާވެސް މިކުރިމަތިލަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި. އަޅުގަނޑުމެންގެ އުންމީދަކީ މި ބައްޔަށް ވެކްސިނެއް ނުވަތަ ފަރުވާއެއް އަވަހަށް ހޯދިގެން ދިއުން.  ރާއްޖޭގެ އިގުތިސާދު މިހާރު މި ދަނީ ހުޅުވާލަމުން. މިގޮތަށް ކުރިއަށް ދިއުމުގެ އަސާސަކީ ކާމިޔާބު ކަމާއެކު ބަލި ކޮންޓްރޯލް ކުރެވޭ މިންވަރު. އެހެންކަމުން މިބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާ އެއް ދާއިރާއަކީ ސިއްހީ ދާއިރާ. މިގޮތުން ސިއްހީ ދާއިރާއަށް ވާނީ 4 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައި." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މީގެއިތުރަށް މިނިސްޓަރު އަމީރު ވިދާޅުވީ މިބަޖެޓުގައި ވާނީ ކޮވިޑް-19 އާ ދެކޮޅަށް އާންމު ސިއްހީ ދާއިރާއިން މިހާރުވެސް ކުރިއަށް ގެންދަމުންދާ މަސައްކަތްތަކަށް ބަޖެޓު ކަނޑައަޅާފައި ކަމަށެވެ. އަދި މި ބައްޔަށް އަންނަ އަހަރުގައި ވެކްސިންއެއް ފެނިއްޖެނަމަ މިވެކްސިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ.

"މިބަޖެޓުގައި ވާނީ ކޮވިޑް-19 އާ ދެކޮޅަށް އާންމު ސިއްހީ ދާއިރާއިން މިހާރުވެސް ކުރިއަށް ގެންދަމުންދާ މަސައްކަތްތަކަށް ބަޖެޓު ކަނޑައަޅާފައި. ކުރިއަށް އޮތްތާގައިވެސް މި ވައިރަސް ކޮންޓްރޯލް ކުރެވެން އޮތީ ޓެސްޓު ކުރާ އަދަދު އިތުރުކޮށްގެންނާއި، ކޮންޓްރެކްޓް ޓްރޭސިންގ އާއި، ބަލި މީހުން އެކަހެރި ކުރުން ކުރިއަށް ގެންދެވިގެން. މީގެ އިތުރުން ފަތުރުވެރިކަން ވެސް ރަނގަޅަށް ހުޅުވާލެވެން އޮތީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ފަސޭހައިން ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެން. އަދި މާތް ﷲ ގެ އިރާދަފުޅާއެކު މި ބައްޔަށް 2021 ވަނަ އަހަރުގައި ވެކްސިންއެއް ފެނިއްޖެނަމަ މި ވެކްސިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބަޖެޓުގައި ޖާގަ ދެވިފައިވާނެ." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *