އާ ޓެލެކޮމް އޮޕަރޭޓަރަކަށް އަންނަ އަހަރު ލައިސަންސް ދެނީ

މީހަކު ފޯނެއް ހިފަހައްޓައިގެން --

އަންނަ އަހަރު އާ ޓެލެކޮމް އޮޕަރޭޓަރަކަށް އަންނަ އަހަރު ލައިސަންސް ދިނުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 34.78 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން އަމީރު ވިދާޅުވީ އާމްދަނީ އިތުރު ކުރުމަށާއި ސިޔާސަތުތަކަށް ބަދަލު ގެނައުމުގެ ގޮތުން އަންނަ އަހަރު އާމްދަނީގެ ބައެއް ސިޔާސަތުތަކަށް ބަދަލު ގެންނަން ރޭވިފައިވާ ކަމަށެވެ.

އެގޮތުން މިހާރު ރައްޔިތުންގެ މަޖިލީހުގައިވާ އެއާޕޯޓް ސާވިސް ޗާޖް އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަށް ބަދަލު ގެނައުމުގެ ބިލް ފާސްވެ، އަންނަ އަހަރުގެ މެދުތެރެއިން ފެށިގެން ތަންފީޒު ކުރެވޭނެ ކަމަށް ލަފާކޮށްފައިވާނެ ކަމަށް އަމީރު ވިދާޅުވިއެވެ. އަދި ރިއަލް އެސްޓޭޓް ޓޫރިޒަމް ފުޅާކޮށް، އެ ސިނާއަތުން އާމްދަނީ ހޯދުމަށް ބެލިފައިވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

"އަދި ފްރިކުއެންސީ ސްޕެކްޓްރަމް ޗާޖެއް ނެގުމަށާއި އާ ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދިނުމަށް ހުޅުވާލުމަށް ރޭވިފައިވޭ. އަދި ރާއްޖޭގެ ރަށްތަކުގެ ބިން، ވަކިން ހާއްސަކޮށް ހިއްކާފައިވާ ބިންތަކުގެ ވަކި އިންސައްތައެއް، އާންމުންނަށް ވިއްކުމަށް ހުޅުވާލެވޭނެ،" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ އާމްދަނީ އިތުރު ކުރުމަށް ލެގޫން ލޭންޑް ކޮންސެޕްޓެެއް ތައާރަފްކޮށް، ވަކި އުސޫލުތަކެއްގެ ތެރެއިން ރަށްރަށުގެ ފަޅުތައްވެސް ބިމެކޭ އެއްގޮތަށް ތަރައްގީ ކުރުމަށް ހުޅުވާލެވޭނެ ކަމަށެވެ. މީގެ އިތުރުން ޕާކިން ސްލޮޓްތައް ހަދައި ކުއްޔަށް ދިނުމާއި ކޮންޖެޝަން ޗާޖެއް ތައާރަފު ކުރުމަށް ވެސް ރޭވިފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

މިގޮތުން އާމްދަނީ އިތުރު ކުރުމަށް ހުށަހަޅާ ކަންތައްތަކުން އަންނަ އަހަރު 1.2 ބިލިއަން ރުފިޔާ ހޯދޭނެ ކަމަށް އަންދާޒާ ކޮށްފައި ވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *