އަންނަ އަހަރު 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކެއް ވިއްކަނީ

Ameer

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރު 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކެއް ވިއްކުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އިއުލާން ކުރައްވައިފިއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 34.78 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ އަންނަ އަހަރު ވިއްކުމަށް ނިންމާފައިވާ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓާ (އައިސީޑީ) އާއި ގުޅިގެން ވިއްކުމަށް ހަމަޖެހިފައިވާ ސުކޫކެއް ކަމަށެވެ.

"އެކަމުގެ އެގްރީމަންޓެއް މިހާރުވެސް އެފަރާތާއެކު ވަނީ ހެދިފައި. މީގެ އިތުރުން އިނޮވެޓިވް ފައިނޭންސިންގ ގެ ގޮތުގައި ގްރީން ބޮންޑެއް ނުވަތަ ބްލޫ ބޮންޑެއް ވިއްކުމަށް މަސައްކަތްކުރެވޭނެ." އަމީރު ވިދާޅުވިއެވެ.

އެ ބޮންޑުން 100 މިލިއަން އެމެރިކާ ޑޮލަރު ހޯދޭތޯ މަަސައްކަތް ކުރެވޭނެ ކަމަށް މިނިސްޓަރު އަމީރު ފާހަގަކުރެއްވިއެވެ. އަދި ދޭދޭ ގައުމުތަކުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތައް މެދުވެރިކޮށް 150 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ރޭވިފައިވާ ކަމަށާއި އަދި މިނޫނަސް ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ރަހުމަތްތެރި ގައުމުތަކާއެކު ފައިނޭންސް ހޯދުމުގެ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި މަސައްކަތްތައް މި ވަގުތަށް މަޑުޖައްސާލެވިފައި ވަނީ ދުނިޔޭގެ މާކެޓުތައް ރަނގަޅު ވަންދެން. މިގޮތުން ޖަޕާނާއެކު މިދިޔަ އަހަރުގެ ބަޖެޓުގެ ތެރެއިން މަސައްކަތްފެށި ސަމުރާއީ ބޮންޑު ފާހަގަކޮށްލަން،" އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ އެތެރޭގެ މާކެޓަށް ޓްރެޜަރީ ބިލާއި ބޮންޑު ވިއްކައިގެން ނެޓް ފައިނޭންސިން ގޮތުގައި 3.7 ބިލިއަން ރުފިޔާގެ ފައިސާ އިތުރަށް ހޯދުމަށް ރޭވިފައިވާ ކަމަށާއި އެއީ ކުރީ އަހަރުތަކުގެ ޑޮމެސްޓިކް މާކެޓުގެ ނެޓް ފައިނޭންސިން ގޮތުގައި ހޯދި އަދަދަށްވުރެ ކުޑަ އަދަދެއް ކަމަށް އަމީރު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *