ޗައިނާ އިން މީހުން ރާއްޖެ އެތެރެވުން މަނާކޮށްފި

ކޮރޮނާ ވައިރަހާ ގުޅިގެން ޗައިނާ އިން މީހުން ރާއްޖެ އެތެރެވުން މަނާކޮށްފި އެވެ.

ޗައިނާގެ މެއިންލޭންޑުން (ޗައިނާއިން) ރާއްޖެއަށް އެއްވެސް މީހަކަށް އެތެރެވުމުގެ ހުއްދަ ނުދިނުމަށް ސަރުކާރުން ނިންމައިފިއެވެ. ދުނިޔޭގެ ކޮންމެ ގައުމެއްގެ ޕާސްޕޯޓެއް އޮތަސް ޗައިނާ މަގުން އަންނަންޏާ އަމަލު ކުރާނީ އެގޮތަށް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު  ވިދާޅުވީ، މިރޭގެ ދަންވަރު 00؛00އިން ފެށިގެން ޗައިނާގެ މެއިންލޭންޑުން އަންނަ އެއްވެސް ގައުމެއްގެ ރައްޔިތަކަށް ރާއްޖެ ވަނުމުގެ ހުއްދަ ނުދޭން ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގޮތަށް އެކަން ކުރަންޖެހުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްއާ ގުޅިގެން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ސަރުކާރުން އެގޮތަށް ނިންމުމާއި ގުޅިގެން ޓްރާންސިޓް ފްލައިޓަކުންވެސް ޗައިނާ ފަތުރުވެރިއަކަށް މި ދުވަސްވަރު ރާއްޖެ އެތެރެ ނުވެވޭނެ ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ އޭގެތެރޭގައި ދިވެހިންވެސް ހިމެނޭނެ ކަމަށެވެ. ދިވެހިންވެސް ރާއްޖެ އަންނަން ބޭނުންވެއްޖެ ނަމަ ސީދާ ދާން ޖެހޭނީ ކަރަންޓީން ފެސިލިޓީއަށް ކަމަށެވެ.

"މި ވަގުތު ސޭފްޓީ އަށް ވުރެ މުހިންމު އެއްވެސް ކަމެއް އަޅުގަނޑުމެންގެ ކުރިމައްޗަކު ނެތް. މިއީ ދިވެހި ރައްޔިތުންނާއި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ސަލާމަތަށް އަޅުގަނޑުމެން އެޅި ފިޔަވަޅެއް،" އަލީ ވަހީދު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ، ހާލަތު ބަދަލުވާ ގޮތަށް ބަލައި ސަރުކާރުން ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި ޓްރެވަލް އެޑްވައިޒަރީއެއް ނެރުމަކީ ވަގުތާއި ހާލަތަށް ބަލާފައި ދިވެހި ސަރުކާރުން އެޅި ރަނގަޅު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖެ އަށް ޗައިނާ އިން ސީދާ ދަތުރުކުރާ ފްލައިޓްތައް ހުއްޓާލުމަށް ފަހު އިތުރަށް ބަލަންޖެހޭ ބެލުމުގެ ތެރެއިން ސްކްރީނިން ވެސް ހަރުދަނާ ކުރުމާއި ދެން ހުރި މަސައްކަތްތައް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

"މި ހިސާބަށް އައިއިރު، ރާއްޖެ އަށް ދެން ރައްކާތެރި ވުމުގެ ގޮތުން، ރާއްޖޭގެ ހާލަތަށް ބަލާފައި ދެން އެޅެން އޮތް އެންމެ ފުރަތަމަ ހަރުދަނާ ފިޔަވަޅަކީ މިއީ ކަމަށް ވާތީ ސަރުކާރުން މި ނިންމުން ނިންމީ." ޓްރެވަލް އެޑްވައިޒަރީ ނެރުމާއި ގުޅިގެން މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ރާއްޖޭގައި ކޮރޯނާއަށް ޝައްކުވެގެން ތިން މީހަކު ކ. ފުނަދޫގައި ކަރަންޓީނު ކުރިއެވެ. އެހެންނަމަވެސް ރޭ ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން ވިދާޅުވެފައި ވަނީ އެ ތިން މީހުންގެ ހާލަތު ކުރިޔަށްވުރެ ރަނގަޅު ކަމަށެވެ. އެ މީހުންގެ ޓެސްޓުތައް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާއިރު ސަރުކާރުން ބުނީ އެ މީހުންގެ ނަތީޖާ ލިބޭނީ މާދަމާ ކަމަށެވެ.

Leave a Reply

Your email address will not be published.