އެމެރިކާގެ ރައީސްގެ މަގާމަށް ޖޯ ބައިޑަން އިންތިހާބުވެއްޖެ

ބައިޑަން --

މި މަހުގެ ތިންވަނަ ދުވަހު އެމެރިކާގައި ބޭއްވި އެގައުމުގެ ރިޔާސީ އިންތިހާބުގައި މިހާރު އެގައުމުގެ ރައީސް ޑޮނަލްޑު ޓްރަމްޕް އާއި ވާދަކުރެއްވި އެމެރިކާގެ ކުރީގެ ނާއިބު ރައީސް ޖޯ ބައިޑަން އެގައުމުގެ 46ވަނަ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެވަޑައިގެންފިއެވެ.

ވައިޓް ހައުސް އަށް ވަޑައިގަންނަވާ ކެންޑިޑޭޓަކު މަދުވެގެން 270 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯއްދަވަން ޖެހޭނެއެވެ. އެމެރިކާގެ ރިޔާސީ އިންތިހާބު ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކަށް އާއްމު ރައްޔިތުންގެ ވޯޓު ކިތަންމެ ގިނައިން ލިބުނު ނަމަވެސް ވެރިކަމަށް ވަޑައިގެންނެވެން އޮންނަނީ އިލެކްޓޯރަލް ވޯޓު އެންމެ ގިނައިން ލިބިވަޑައިގަންނަވާ ބޭފުޅަކަށެވެ.

މުޅިއަކު 538 ބޭފުޅުންގެ މައްޗަށް ހިމެނޭ އިލެކްޓޯރަލް ކޮލެޖު ވޯޓަކީ ގާނޫނު ހަދާ މަޖިލީސް ކަމަށްވާ ހައުސް އޮފް ރިޕްރެސެންޓޭޓިވްހައި ހިމެނޭ 435 މެންބަރުންނާއި ސެނެޓުގައި ހިމެނޭ 100 މެންބަރުންނާއެކު ހިމެނޭ ވޯޓެކެވެ. ކޮންމެ ޕާޓީއަކުން ވެސް އެޕާޓީއެއްގެ ފަރާތުން އިލެކްޓޯރަލް ވޯޓުލާނެ ފަރާތެއްގެ ނަން ހުށަހަޅައެވެ. އެނަމަކީ ޕާޓީއަށް ވަފާތެރި ބޭފުޅުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ބައިޑަން ވަނީ ވައިޓް ހައުސް އަށް ވަޑައިގަތުމަށް ބޭނުންވާ 270 އިލެކްޓޯރަލް ވޯޓު ކަށަވަރު ކުރައްވާފައެވެ. ބައެއް މަސްދަރުތަކުން ބައިޑަން ވަނީ 284 އިލެކްޓޯރަލް ވޯޓު ހޯއްދަވާފައެވެ.

ބައިޑަން އަކީ މީގެކުރިން ވެސް ދެ ފަހަރެއްގެ މަތިން ވެރިކަމަށް ވާދަކުރެއްވި ބޭފުޅެކެވެ. އެންމެ ފަހުން ހުންނެވީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ނާއިބެއްގެ ގޮތުގައެވެ. ބައިޑަން ފާހަގެވެގެން ގޮސްފައި ވަނީ ގިނަ އާއްމުން ގަޔާވާ ބޭފުޅެއްގެ ގޮތުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *