ފިޗު ރޭޓާ ގުޅޭ ގޮތުން ޝަރީފް ދެއްކި ވާހަކައަށް އާޒިމް ރައްދު ދީފި

މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (ކ) އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް --

ފިޗުން ރާއްޖެއަށް ދީފައިވާ ބީ މައިނަސް ކްރެޑިޓް ރޭންކިން "ސީސީސީ" އަކަށް ދަށްކުރުމާ ގުޅިގެން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ދެއްކެވި ވާހަކައަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ރައްދު ދެއްވައިފިއެވެ.

ފިޗް ރޭޓިންގްސް އިން ރާއްޖެއަށް ދިން ބީ ރޭޓިން ދަށްކުރި ސަބަބު ބަޔާންކޮށް އެ އެޖެންސީ އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ފަތުރުވެރިކަން 2021 ވަނަ އަހަރު ކޮންމެވެސް ވަރަކަށް ކުރިއެރި ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ ހާލަތުން އަރައިގަނެ ކުރީގެ ހާލަތައް ރުޖޫއަ ވެވޭނީ 2022 ވަނަ އަހަރު ކަމަށެވެ.

ފިޗް އިން ބުނީ ރާއްޖެ އަށް ބޭރު ފައިސާ ލިބޭ މިންވަރު މަދުވެފައިވާ ކަމަށެވެ. ފިޗުން ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން މާލީ އެހީ ހޯދުމުގައި ކާމިޔާބު ތަކެއް ހޯދާފައިވީ ނަމަވެސް ޑޮލަރު ލިބުމުގައި ރާއްޖެއަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީ އިން އިއްޔެ ބަޔާނެއް ނެރެފައިވާއިރު އެ ބަޔާނުގައި ބުނެފައިވަނީ ރާއްޖެ ސޮވެރިން ޑިފޯލްޓަކަށް ނުދާ ކަމަށާ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ބޯޑަރު ހުޅުވި ފަހުން ރަނގަޅުވަމުން އަންނަ ކަމަށްވެސް ފިނޭންސްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެކަމާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވާހަކަދައްކަވާފައެވެ. އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ފިޗް ފަދަ ބައިނަލް އަގްވާމީ އިންޑިކޭޓަރުންގެ ކްރެޑިޓް ރޭޓިން ބަލައިގަނެ އޭގެ އަޑު ވެސް އަހަން ވާނެ ކަމަށެވެ.

އެހެންވިޔަސް އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި ބޭރުގެ ދަރަނި ރީސްޓްރަކްޗާ ނުވަތަ މުރާޖައާ ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އެ ގޮތުން ޗައިނާގެ ކޮމާޝަލް ބޭންކްތަކަށް ދައްކަން ޖެހޭ ދަރަނި މުރާޖައާ ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖޭގެ ޓޫރިޒަމް ވެސް ކުރިއަރަމުން އަންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ފިޗު ރޭޓިން ދައްކުރުމާއި ގުޅިގެން ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމަކީ މަޖިލީހުން ފާސްކުރި ރިޕޯޓުގެ ނަތީޖާ ކަމަށެވެ. ޝަރީފް އެ އިޝާރާތް ކުރެއްވި ރިޕޯޓަކީ ދައުލަތުގެ ދަރަންޏާއި ގުޅޭ ގޮތުން މަޖިލީހުން ދާދިފަހުން ފާސްކުރި ރިޕޯޓެވެ. އޭނާ ވިދާޅުވީ އެ ރިޕޯޓު ފާސްކުރި ދުވަހުގައި ވެސް އެކަން އެގޮތަށް ނުކުރަން ނުވާނެ ކަމަށް ތަކުރާރުކޮށް ދެންނެވިން ކަމަށެވެ.

ޝަރީފަށް ރައްދު ދެއްވާ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ވެސް ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިޗުން ގައުމުތައް ރޭޓު ކުރަނީ ސިޔާސީ މީހުން ދައްކާ ވާހަކަތަކުން ނޫން ކަމަށެވެ.

ފިޗް އިން ރާއްޖެ އަށް ފުރަތަމަ ކުރެޑިޓް ރޭޓިން ދިނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ފިޗުން ރާއްޖެ އަށް ފުރަތަމަ ދިނީ "ބީ ޕްލަސް" ރޭޓިން އެކެވެ.

Leave a Reply

Your email address will not be published. Required fields are marked *