ވެރިކަމާއި ދެކޮޅަށް ފުލުހުންނާއި ސިފައިން ނުނިކުންނާނެ ކަމަށް ބުނަން ދަތި: ރައީސް ނަޝީދު

ރައީސް މުހައްމަދު ނަޝީދު --

ދެހާސް ބާރަވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު އޭރުގެ ސަރުކާރާއި ދެކޮޅަށް ފުލުހުން ނިކުމެ ކަންތައްތަކެއް ހިންގި ނަމަވެސް މި ސަރުކާރުވެސް އަދި އެހެން ސަރުކާރެއް ވެސް ވައްޓާލުމަށް ފުލުހުން ދެން ނުނިކުންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި ނަމަވެސް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސީޕީގެ ވާހަކަތައް ގަބޫލެއް ނުކުރެއްވިއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި މިއަދު ވާހަކަދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާއި ދެކޮޅަށް ފުލުހުންވެސް ހިމެނޭ ގޮތަށް އޭރުގެ ސަލާމާތީ ބާރުތަކުން މަގު މައްޗަށް ނިކުމެ ކަންތައްތަކެއް ހިންގި ނަމަވެސް މިއަދު އެކަން ބަދަލުވެފައިވާ ކަމަށެވެ. އަދި އެއީ މާޒީ ކަމަށާއި އެފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

"އެއީ މާޒީ. އެ މާޒީ އިން ފުލުހުންނަށް ވަރަށް ގިނަ އިބުރަތްތަކެއް ލިބިފައި ވަނީ. އެހެންވީމަ އަޅުގަނޑު ގަބޫލެއް ނުކުރަން ފުލުހުންގެ މުއައްސަސާގައި މިއަދު ތިބި ފަރާތްތައް ވެސް އަދި ކުރިޔަށް ފުލުހުންގެ މުއައްސަސާ އަށް ގުޅޭނެ ފަރާތްތައް ވެސް އަދި އަޅުގަނޑުމެން މިހާރު މި މުއައްސަސާ ހަރުދަނާކޮށް އިތުރަށް ތަރައްގީ ކުރުމަށް އަޅާ ފިޔަވަޅުތަކުން ވެސް އެކަންކަން ކަށަވަރު ކުރެވިގެން ދާނެ،" ހަމީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2012ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ހިނގި ފަދަ ސަލާމަތީ ބާރުތަކުން ބަޔަކު ގައުމަށްވީ ގައްދާރުވުމުން ތަކުރާރު ވިޔަ ނުދިނުމަށް ކުރަން ޖެހޭ ކަންކަން ކޯނީ ރިޕޯޓްގައި ފާހަގަ ކޮށްފައި ވާނެ ކަމަށެވެ. އެކަންކަން ތަންފީޒު ނުކުރާހާ ހިނދަކު އަނެއްކާވެސް މިއުޓިނީއެއް ނުކުރާނެކަމަށް ދަންނަވަން ނުކެރޭނެ ކަމަށެވެ.

ސީޕީ ވިދާޅުވީ މިހާރު ފުލުހުންގެ ލީޑާޝިޕުގައި ތިބި ފަރާތްތަކުން އެތަނުން ނިކުމެގެން ދާނީ އެފަދަ ކަމެއް ތަކުރާރު ނުވާނެ ފަދަ ގޮތަކަށް އެ ޕްރޮފެޝަނަލިޒަމް ގާއިމް ކުރުމަށްފަހު ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *